ކުއްލި ޚަބަރު

ގަލްފް އެކްސްޕޯއާ ގުޅުންހުރި ދެމީހަކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވޭ: ޑރ. އަފްޒަލް

ގަލްފް އެކްސްޕޯއާ ގުޅުންހުރި ދެމީހަކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ފުޑް އެކްސްޕޯއާ ގުޅުން ހުރި އެ ދެ ކޭސްގައި ތަފާތުތަކެއް ހުރުމުން އެކަން ބަލަން ބޭނުންވާ ކަމަށެވެ.

"ޔޫއޭއީގެ ފުޑް އެކްސްޕޯއާ ގުޅިގެން އަޅުގަނޑުމެންނަށް ދެ ކޭސްއެއް ފެނިފައިވޭ. ހަގީގަތުގައި އަޅުގަނޑުމެން ބޮޑަށް ބަލައިލަން ބޭނުންވީ އެ ދެ ކޭސްއިން ވެސް ކޮންމެވެސް ވަރަކަށް ތަފާތު ހިސްޓަރީ ނުވަތަ ޑިސީސް ޕްރޮގްރެވްވެފައިވާ ގޮތުގައި ތަފާތުކަމެއް ފެނިގެން އެފަދައިން ޔޫއޭއީ އިން އައި މި ގަލްފު ފުޑް އެކްސްޕޯއަށް ވަޑައިގެންފައި ގިނަ މީހުންގެ ތެރެއިން އެހެން އެއްވެސް ބަޔަކަށް މިފަދަ އަލާމާތްތަކެއް ފެނިފައިވޭތޯ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެހެން ބަލިމަޑުކަމެއްގައި ރާއްޖެ އައިސް، އެ ބަލިން ރަނގަޅުވީ ފަހުން ކޮވިޑް ޖެހުނީ ކަމަށް ވެދާނެ ކަމަށާއި ދެ ބަލި ޖެހުނީމަ ދިގު މުއްދަތަކަށް ބަލީގެ އަސަރު ހުރި ކަމަށް ދައްކަފާނެ ކަމަށެވެ.

"އެއީ ވެސް ވެދާނެ ގޮތެއް. އެހެންވީމާ އެކަން ބޮޑަށް ބެލުމަށްޓަކައި، މިއީ ވަކިން ފެނިފައިވާ އައިސޮލޭޓަޑް ދެ ކޭސްތޯ ނުވަތަ އެކަހަލަ އެއްވެސް ޕެޓާނެއް އެއްޗެއް އެބަހުރިތޯ ބެލުމަށްޓަކައި އަޅުގަނޑުމެން މި ބޭނުންވީ ގަލްފު އެކްސްޕޯއަށް ވަޑައިގަންފައި މިކޮޅަށް އައިސް ތިބި ހުރިހާ ބިދޭސީންނާއި ދިވެހިންނާ ކޮންޓެކްޓްކޮށް އަޅުގަނޑުމެން ބޭނުންވާ ސުވާލުތަކަށް މައުލޫމާތު ހޯދުމަށް،" އޭނާ ވިދާޅުވިއެވެ.

ދުބާއީގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 16އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެއަށް އެނބުރި އައިސްފައިވާ މީހުންގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިން ނަންބަރު 1676އަށް ގުޅައިގެން މައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.