ކޮވިޑް ފަދަ އާ ބަލިތައް އާންމުކޮށް ކޮންޓްރޯލު ކުރެވެނީ އާބާދީގެ ބޮޑު ބަޔަކަށް ބަލިޖެހުމަށްފަހު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު ވިދާޅުވީ، ހާޑް އިމިއުނިޓީގެ މާނައަކީ އެގައުމެއްގައި ތިބި އާބާދީގެ 90 ވަރަކަށް ނުވަތަ 80 ޕަސެންޓް މީހުންނަކީ ބައްޔަށް އިމިއުން ނުވަތަ ދިފާއީ ނިޒާމު ވަރަގަދަ މީހުން ކަމަށެވެ.
އެގޮތުން ދިފާއީ ބާރެއް ލިބިގެންނަ އޮންނާނީ ދެ ގޮތެއް ކަމަށާއި އެއީ އޭނާގެ ހަށިގަނޑުގައި ދިފާއީ ބާރެއް އުފެދިފައި ހުރުން ނުވަތަ ބައްޔަކަށް ހުށަހެޅުމުން ހަށިގަނޑުން އުފައްދާ ދިފާއީ ބާރަކުން ކަމަށް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެހެންކަމުން އާބާދީގެ ބޮޑު ނިސްބަތަކީ ދިފާއީ ބާރު ހުރި ބައެއްނަމަ އެ ބައްޔެއް އިތުރަށް ފެތުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ވެކްސިނެއް ނެތް ހާލަތެއްގައި ހާޑް އިމިއުނިޓީއެއް އަންނަނީ ގައުމެއްގެ އާބާދީގެ ވަކި ޕަސެންޓޭޖަކަށް ބަލި ޖެހުމުން ކަމަށެވެ.
"މި ބައްޔަށް (ކޮވިޑް 19) ބަލާއިރުވެސް ވަރަށް ގިނަ ފަހަރު އެބަހުރި ބަލި ޖެހޭ މީހުންނަކީ އާދައިގެ ވަރަކަށް ބަލީގެ އަލާމާތްތައް ވަރަށް މަދު ދުވަސްކޮޅަކަށް ފެނިލާފަ މުޅިން މައިތިރިވާ މީހުން އެބައުޅޭ. އަނެއް ބަޔަކީ އެއްވެސް އަލާމާތެއް ނުފެނި ބަލި ޖެހޭ މީހުން. މިގޮތަށް ހާޑް އިމިއުނިޓީ ކްރިއޭޓްވަމުން ގޮސް އާބާދީގެ ވަކި ވަރެއް ކަވާވެފަ ގިނަ ފަހަރު މިކަހަލަ ހުރިހާ އާބަލިތަކަކީ އީކުއިލިބްރީއަމްއަކާ ހަމައަށް އަންނާނީ އާބާދީގެ ބޮޑު ބަޔަކަށް ބަލި ޖެހުމަށްފަހު،" ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެގޮތަށް ކަންތައްވިޔަސް އެތައް ހާސް ބަޔަކަށް ބަލި ފެތުރިގެންގޮސް ގައުމަކަށް ނުކަތާވަރަށް ބަލި ފެތުރިއްޖެނަމަ އެ އެންމެންނަށް ފަރުވާދެވޭނެ ވަސީލަތްތަކެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން މުހިންމީ އެގައުމެއްގައި އޮންނަ ސިއްހީ ނިޒާމަކަށް ކަތާވަރަށް ބަލި ޖެހިގެން ދިއުން ނުވަތަ ބަލި ޖެހޭ މިންވަރު ކޮންޓްރޯލް ކުރުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.