ކޮވިޑް 19އާ ގުޅިގެން ދޫކުރާ ރިލީފް ލޯނުތައް ދޫކުރަން ފެށޭނީ އަންނަ ހަފުތާގައި ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ މިމަހުގެ އަށް ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓަރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވިދާޅުވީ، ރިލީފް ޕެކޭޖަށް އެދިފައިވާ ފަރާތްތަކަށް މިދިޔަ އާދީއްތަ ދުވަހު ފައިސާ ދީކުރަން ފަށާނެ ކަމަށެވެ. އަދި ފައިސާ ދޫކުރުން ލަސްވަނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޭންކުތަކުގެ ހިދުމަތްތަކަށް ބުރޫ އެރުމުން ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ލޯނު ދޫކުރަން ނުފަށާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މި ހަފްތާގައި ލޯނުތަކަށް ފައިސާ ދޫކުރާނެ ކަމަށް ބުނެފައި އޮތްނަމަވެސް އަންނަ ހަފްތާގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެ ކަމަށާއި އަދި އެކަމުގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ހަ އިންސައްތަ އިންޓަރެސްޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑާކާއެކުގައި ދޫކުރެވޭ ލޯނުތަކެކެވެ. ނަމަވެސް މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ.
ރިލީފް ޕެކޭޖުގެ ދަށުން ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.
އެގޮތުން 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް މެދުވެރިކޮށެވެ. އަދި އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ މަދުން ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.