ކުއްލި ޚަބަރު

އަމާޒު ބޯޓާ ގުޅޭ 113 ކޮންޓެކްޓްސް ވަނީ ހޯދިފައި، 35 މީހުން ހައިރިސްކު އަދި 11 މީހުންގެ އަލާމާތް އެބަހުރި

އަލީ ޔާމިން

އަމާޒު ބޯޓު ކްލަސްޓާއާ ގުޅޭ 113 ކޮންޓެކްޓްސް ހޯދިފައިވާ ކަމަށާއި 35 މީހުން ހައިރިސްކު އަދި 11 މީހުންގެ އަލާމާތް އެބަހުރި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ށ. ނަރުދޫގައި މިހާރު ކޮމިޔުނިޓީ ޓްރާންސްމިޝަނެއް އެބައޮތް ކަމަށާއި އެހެންނަމަވެސް އެއީ ވަރަށް ރިލޭޓިވް ކޮމިޔުނިޓީ ޓްރާންސްމިނިޝަނެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ދެނެގަނެވޭ ބަލި ޖެހޭ މީހުންނާއި، ކޮންޓެކްޓްވި މީހުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓުގެ ކޭސްއާ ގުޅިގެން ށ. ނަރުދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ކައްޕި ހިމެނޭހެން އެރަށުން ޖުމްލަ އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ށ. މިލަންދޫއިން އެކަކު މި ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވެފައިވާ ކަމުގައި ވިދާޅުވިއެވެ.

"ވަން"އަށް އެގިފައިވާ ގޮތުގައި ނަރުދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކައްޕީގެ އަނބިމީހާއާއި، އެދެމެފިރިންގެ ތިން ދަރީންގެ އިތުރުން އަމާޒު ބޯޓުގެ ދެ ކުރޫއިން ހިމެނެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓުގެ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް ކޮންޓެކްޓްސްގެ ގޮތުގައި 113 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 35 މީހަކީ ހައިރިސްކް ކޮންޓެކްޓްސް ކަމަށެވެ.

"މިހާތަނަށް މި ކްލަސްޓާއާ ގުޅިގެން އަޅުގަނޑުމެން ހޯދި ހޯދުމުން 113 މީހުން ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވިފައިވޭ. މީގެ ތެރެއިން 35 މީހުންނަކީ ހައިރިސްކް ކޮންޓެކްޓްސް އަދި 11 މީހުން ސިމްޕްޓަމެޓިކް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެންއީއޯސީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކު ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ނ، ށ.، އަދި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.

އެ ކޭސްއާ ގުޅިގެން މިހާތަނަށް ވަނީ ށ، ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވަށް، ށ. މާއުނގޫދޫ، ށ. ގޮއިދޫ، ށ. ޅައިމަގު، ނ. ހޮޅުދޫ، ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ނ. ވެލިދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.