ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ޕާކިސްތާނު މީހާ އޭޑީކޭއާއި ޓްރީޓޮޕް އަދި އައިޖީއެމްއެޗަށްވެސް ދިޔަ: މަބްރޫކް

އަލީ ޔާމިން

ކޮވިޑަށް ޕޮޒިޓިވްވި ޕާކިސްތާނު މީހާ އޭޑީކޭއާއި ޓްރީޓޮޕް އަދި އައިޖީއެމްއެޗަށްވެސް ދިޔަ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ތިން މީހެއް މިހާރު އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 އަކީ ކޮވިޑް ޖެހިގެން ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ތަނެކެވެ.

މަބްރޫކް ވިދާޅުވީ، ޑީއެޗް-11 ގައި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ޕާކިސްތާނުގެ 48 އަހަރުގެ ފިރިހެނެއް ހިމެނޭ ކަމަށާއި، އޭނާ ވަނީ މީގެ ކުރިން އޭޑިކޭއާއި ޓްރީޓޮޕް ހޮސްޕިޓަލަށްވެސް ގޮސްފައި ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވީ އައިޖީއެމްއެޗަށް ދެއްކުމުން ނެގި ސާމްޕަލުން ކަމަށް ވިދާޅުވިއެވެ.

"މި މީހާ ފުރަތަމަ ގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ހުން އައިސްގެން. އަދި މިކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އަށް މީހަކު ފާހަގަކުރެވި އެމީހުން އައިސޮލޭޓް ކުރެވި، އެމީހުންގެ ސާމްޕަލް ވަނީ ނެގިފައި. އެމީހުންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް. އަދި އޭގެ ފަހުން ޓްރީޓޮޕް ހޮސްޕިޓަލަށް އޭނާ ދެފަހަރެއްގެ މަތިން ދިޔަކަމަށް އެނގެން އެބައޮތް. އެކަމާ ގުޅިގެން ހަތަރު މީހެއް ފާހަގަކުރެވި އެ ހަތަރު މީހުންގެ ސާމްޕަލް ނެގިފައިވޭ. އެމީހުން މިހާރު ތިބީ އައިސޮލޭޝަންގައި. ނަތީޖާއެއް އަދި ނުލިބޭ. އޭގެ ފަހުން ގޮސްފައިވަނީ އައިޖީއެމްއެޗަށް. އައިޖީއެމްއެޗުން ސާމްޕަލް ނެގުމަށްފަހު ޕޮޒިޓިވްވުމުން އެމީހާ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވަނީ." މަބްރޫކް ވިދާޅުވިއެވެ.

ޕާކިސްތާނު މީހާގެ އިތުރުން ޑީއެޗް-11ގައި ފަރުވާ ދެމުން އަންނަނީ 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 68 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެ ދެމީހުންގެ ހާލުވެސް ސްޓޭބަލްއެވެ. ނަމަވެސް ޕާކިސްތާނު މީހާއަށް އޮކްސިޖަން ބޭނުންވާތީ އޭނާއަށް އޮކްސިޖަން ގުޅާފައިވާ ކަމަށް އެންއީއޯސީއިން ބުނެއެވެ.