ކުއްލި ޚަބަރު

އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ 249 އަށް އަރައިފި

އިތުރު ހަތަރު މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ 249 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާތަނަށް 7000 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ.

"މިރެއާ ހަމައަށް 7723 ސާމްޕަލެއް މިވަނީ ނެގިފައި. މީގެ ތެރެއިން 249 ސާމްޕަލެއްގެ ނަތީޖާ މިވަނީ ޕޮޒިޓިވްވެފައި. 6286 ސާމްޕަލެއްގެ ނަތީޖާ ނެގަޓިވް. އަދި ސާމްޕަލް ނުލިބި މިވަގުތު ލެބޯޓަރީގައި 1088 ސާމްޕަލް އެބަހުރި. މީގެ ތެރެއިން ނެގިފައިވާ ގިނަ ސާމްޕަލްތަކަކީ ސަވެއިލަންސްގެ ތެރެއިން ރެންޑަމްކޮށް ނެގިފައިވާ ސާމްޕަލްތައް،" އޭނާ ވިދާޅުވިއެވެ.

އެ ހަތަރު މީހުންނާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 21 އަރައިފައެވެ. މިއަދު ކުރިން ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ހަތަރު ދިވެހިންނެވެ.

ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހުއެވެ. އެދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ފަހުން މުޅި ރާއްޖޭގައި ލޮކްޑައުން އިއުލާނުކުރި އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 17 މީހެކެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އިތުރު ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނާއި ޕާކިސްތާނުގެ މީހެކެވެ.