އަލީ ޔާމިން
އަމާޒު ބޯޓުގެ ކެޕްޓަންގެ އަންހެނުންނާއި ތިން ދަރީން އަދި ބޯޓުގެ ދެ ފަޅުވެރީން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި މިއަދު ހަވީރު ނަރުދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒު ބޯޓުގެ ކައްޕިގެ އަންހެނުންނާއި އޭނާގެ ތިން ދަރިންގެ އިތުރުން ބޯޓުގެ ވެރިފަރާތުގެ އާއިލާ ދެ މީހެކެވެ. އެ ދެމީހުންނަކީ އެ ބޯޓުގެ ދެ ކުރޫންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކައްޕީގެ ދެ އަންހެން ދަރިންނާއި ފިރިހެން ދަރިއެކެވެ. އެ އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުންނެވެ.
ނަރުދޫއިން މިއަދު ޕޮޒިޓިވްވި އެންމެން މިވަގުތު ތިބީ ނަރުދޫގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެންމެންނަކީ ވެސް މިމަހުގެ 16 ވަަނަ ދުވަހުން ފެށިގެން ހޯމް އައިސޮލޭޝަންގައި ތިބި މީހުންނެވެ.
ނަރުދޫ އަމާޒު ބޯޓުގެ ކައްޕި، ކޮވިޑް 19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އިއުލާންކުރީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ކައްޕި ޕޮޒިޓިވްވުމާ ގުޅިގެން އެރަށުން 22 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 16 މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދިވެސް ނުލިބެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކުގައި ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ނ، ށ އަދި ހއ.ގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.
އެ ކޭސްއާ ގުޅިގެން މިހާތަނަށް ވަނީ ށ، ނަރުދޫ، ފުނަދޫ، މިލަންދޫ، ފީވަށް، މާއުނގޫދޫ، ގޮއިދޫ، ޅައިމަގާއި ނ. އަތޮޅުން ހޮޅުދޫ، މާފަރު، މިލަންދޫ، ކެނދިކުޅުދޫ، ހެނބަދޫ، ވެލިދޫގެ އިތުރުން ހއ. އުތީމު، ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އަމާޒު ބޯޓުން ށ. މިލަންދޫ އަށް ދަތުރުކުރި މީހަކު ވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވެފައެވެ.