އަމާޒު ބޯޓުން ށ. މިލަންދޫ އަށް ދަތުރުކުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު "ވަން" އަށް ވިދާޅުވީ، އޭނާއަކީ ބ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއް ކަމަށާއި ރިސޯޓުގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު އޭނާ އަމާޒު ބޯޓުން މިމަހުގެ 16 ވަނަ ދުވަހު ރަށަށް ދިޔައީ މާލެއިން ކަމަށެވެ. އަދި އަމާޒު ބޯޓުން އެރަށުގެ ފަސް މީހަކު ރަށަށް ގޮސްފައިވާ ކަމަށާއި އެ އެންމެންގެ ވެސް ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިޒު ވިދާޅުވީ، އޭނާ ރަށަށް އައުމަށްފަހު ހުރީ ކަރަންޓީނުގައި ކަމަށެވެ. އަދި މިހާރު ނަތީޖާ ޕޮޒިޓިވްވުމުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކުގައި ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ނ، ށ އަދި ހއ.ގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.
އެ ކޭސްއާ ގުޅިގެން މިހާތަނަށް ވަނީ ށ، ނަރުދޫ، ފުނަދޫ، މިލަންދޫ، ފީވަށް، މާއުނގޫދޫ، ގޮއިދޫ، ޅައިމަގާއި ނ. އަތޮޅުން ހޮޅުދޫ، މާފަރު، މިލަންދޫ، ކެނދިކުޅުދޫ، ހެނބަދޫ، ވެލިދޫގެ އިތުރުން ހއ. އުތީމު، ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.