ކުއްލި ޚަބަރު

އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމްލަ 245 އަށް އަރައިފި

އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމްލަ 245 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ބަންގުލަދޭޝް މީހުންނާއި ހަތަރު އިންޑިއާގެ މީހުނާއި ހަތަރު ދިވެހިން ކަމަށެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރިން އިއުލާންކުރި ދެ ކޭސްއާއެކު މިއަދުގެ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ މިވަނީ 19 އަށް އަރައިފައެވެ.

ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހު އެވެ. އެދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ފަހުން މުޅި ރާއްޖޭގައި ލޮކްޑައުން އިއުލާނުކުރި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު އެންމެ ގިނަ މީހުން ފެނިފައިވަނީ މާލެއިން ނަމަވެސް މި ބަލީގެ މީހުން ވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުން ވެސް ފެނިފަ އެވެ.

އަތޮޅުތެރޭން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ މީހާ ހއ. އުލިގަމުން ފެނުނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އަތޮޅުތެރޭން ކޮވިޑު ބައްޔަށް ޕޮޒިޓިވް ދެވަނަ މީހަކު ފެނުނީ ށ. ނަރުދޫންނެވެ. އެއީ އެރަށު "އަމާޒު" ބޯޓުގެ ކެޕްޓަނެވެ. އެ ކޭސްއާ ގުޅިގެން އެ ބޯޓު ދިޔަ ހުރިހާ ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖޭން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވަމުންދާ އިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މީގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާން މީހުންވެސް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 17 މީހެކެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އިތުރު ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނާއި ޕާކިސްތާނުގެ މީހެކެވެ.