ކަރަންސީ ސްވޯޕް އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދޫކޮށްފި އެވެ.
މިކަން އާންމުކޮށްފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މީގެ އިރުކޮޅެއް ކުރީން ކުރި ޓުވީޓެއްގަ އެވެ.
އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރި ކަރަންސީ ސްވޯޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ދޫކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރި ކަރަންސީ ސްވޯޕް އެއްބަސްވުމުގެ ޖުމުލަ އަދަދަކީ 400 މިލިއަން ޑޮލަރެވެ.
ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި މި ފައިސާ މިހާރު ވަނީ ރާއްޖޭގެ މަރުކަޒީ ބޭންކަށް ލިބިފަ އެވެ. މި ފައިސާ ބޭނުންކުރާނީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.
ކަރަންސީ ސްވޯޕް އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ މުއާމަލާތްތައް ހިންގާއިރު، އިންޑިއާއާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ސީދާ ޑޮލަރުން ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. މި މުއާމަލާތް ހިންގާނީ ދެގައުމުގެ މަރުކަޒީ ބޭންކު މެދުވެރިވެގެންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓި، ބޭރު ފައިސާ ވަންނަ މަގު ބަންދުވެފައިވާ އިރު، މި އިންތިޒާމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރާއްޖެއަށް ގެނައުމަށް ބޮޑު ލުޔަކަށް ވެގެން ދާނެ އެވެ.