ނ.ކެނދިކުޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށް އެރަށަށް އެ އަތޮޅު މާޅެންދޫން، ހުއްދަ ނުހޯދައި ދިޔަ ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެމީހުން ހައްޔަރު ކޮށްފައިވަނީ އަނބުރާ މާޅެންދޫއަށް ދިޔަ ފަހުންނެވެ.
ހައްޔަރު ކޮށްފައިވާ ދެމީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ 29 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި ދެމީހުން ކެނދިކުޅުދޫއަށް ގޮސްފައިވަނީ މާޅެންދޫ ޓާސްކްފޯސްއަށް ނޭނގި ކަމަށެވެ. އަދި މާޅެންދޫން ކެނދިކުޅުދޫއަށް ދަތުރު ކުރީ ދޯނީގެ ވެރިފަރާތުގެ ހުއްދަ ނުނަގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮވިޑް 19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައި ވާއިރު، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށްވެސް ހުއްދަ ލިބިގެން ނޫނީ ދަތުރުކުރުމަކީ މަނާ ކަމެކެވެ.