ޓްރެވަލް

އެއާ އޭޝިއާގެ ކްރޫންގެ އާ ޔުނިފޯމް: ރަތް ކުލައިގެ ޕީޕީއީ ސޫޓް

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19އާއި ގުޅިގެން ދަތުރުތައް ކުރުންވެސް ނުރައްކާތެރި ހާލަތެއްގައި އޮއްވައި އެއާ އޭޝިއާއިން މިވަނީ ކްރޫންގެ އާ ޔުނިފޯމު ދައްކާލާފައެވެ.

ފިލިޕީނޯ ފެޝަން ޑިޒައިނަރެއް ފަރުމާކޮށްފައިވާ އެ ޔުނިފޯމުގައި ވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ސޫޓުތަކެއް ޒަމާނީ ކޮށްފައެވެ. ކުންފުނީގެ ބްރޭންޑް ރަމްޒުކޮށްދިނުމަށް ޔުނިފޯމުތައް ރަތްކުލައިގައި ހުރި އިރު ޕިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތުން ވަނީ މި ޔުނީފޯމަށް ހުއްދަވެސް ދީފައެވެ.

އެއާ އޭޝިއާއިން މިދިޔަ ހުކުރު ދުވަހު ޔުނިފޯމު ތައާރަފުކޮށްފައިވަނީ ބެންކޮކުން މެނީލާއަށް ކުރި ރިކަވަރީ ފްލައިޓު ދަތުރެއްގައެވެ. އެކުންފުނިން ބުނި ގޮތުގައި ކުންފުނީގެ ހުރިހާ ކްރޫންވެސް ކުރާ ދަތުރު ތަކުގައި ދެން ލާނީ މި ޔުނީފޯމެވެ. އެއީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްވިއަސް މެއެވެ.  

ކޮވިޑްގެ ވަބާގައި ގައުމުތައް ލޮކްޑައުން ވުމާއި ގުޅިގެން އެއާލައިން އިންޑަސްޓްރީއަށް ވެސް ބޮޑު ލޮޅުމެއް ވަނީ އަރާފައެވެ. ސިންގަޕޫރު އެއާލައިންސުންވަނީ ޖޫން މަހާ ހަމައަށް އެ އެއާލައިންގެ ހުރިހާ ދަތުރުތަކެއް 96 ޕަސެންޓް ކެންސަލްވެފައިވާ ކަމަށް ބުނެފައެވެ. ސަރުކާރަށް ދައްކަން ޖެހޭ 880 މިލިއަން ޑޮލަރު ނުދެއްކިގެން ވާޖިން އެޓްލާންޓިން އެއާވޭސް ވިއްކާލުމަށްޓަކައި ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަވެ.

އޭޕްރިލް 17ގައި އެއާ އޭޝިއާއިން ބުނެފައިވާ ގޮތުގައި، މެލޭޝިއާގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މާދަމާ ފަށާނެއެވެ. އެހެން ގައުމުތަކުން ހުއްދަ ލިބޭ ވަރަކުން ތައިލޭންޑުގެ ދަތުރުތައް މެއި އެކެއްގައި، އިންޑިއާގެ ދަތުރުތައް މެއި ހަތަރެއްގައި، އިންޑޮނޭޝިއާގެ ދަތުރުތައް މެއި ހަތެއްގައި އަދި ޕިލިޕީންސް މެއި 16ގައި ފަށަންވެސް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނިއެވެ.