އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ 228 އަށް އަރައިފި އެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، އަލަށް ޕޮޒިޓިވް ވި ދެމީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝް މީހެކެވެ. އޭގެ ތެރޭން ދިވެހި މީހާގެ އުމުރަކީ 33އ އެވެ. ބަންގްލަދޭޝް މީހާގެ އުމުރު ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހު އެވެ. އޭގެ ފަހުން މި ބަލީގެ މީހުން ވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުން ވެސް ފެނިފަ އެވެ. އަތޮޅުތެރޭން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ މީހާ ހއ. އުލިގަމުން ފެނުނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާއަށް ބަލި ޖެހުނީ މާލެއިން ފުރައިގެން ރަށަށް ދިޔަތާ ދެތިން ދުވަހެއްގެ ތެރޭގަ އެވެ.
އަތޮޅުތެރޭން ކޮވިޑު ބައްޔަށް ޕޮޒިޓިވް ދެވަނަ މީހަކު ފެނުނީ ށ. ނަރުދޫންނެވެ. އެއީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ރާއްޖޭން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވަމުންދާ އިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މީގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާން މީހުންވެސް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެ އެވެ.
ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް މީހަކު އެންމެ ފުރަތަމަ ފެނުނީ މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހު އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުން ޓެސްޓު ކުރި ދެމީހުންނެވެ. އެ ދެމީހުންނަކީ އެ ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ ބިދޭސީިންނެވެ.
ކޮވިޑް 19 ކޮންޓްރޯލު ކުރުމަށްޓަކައި ރާއްޖޭން ބޭރުން އެއްވެސް މީހަކު ރާއްޖެ އައުން މަނާކޮށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗްމަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.
މާލެ ލޮކްޑައުން ކުރީ މި މަހުގެ 15 ދުވަހު އެވެ. އޭގެ ފަހުން މި މަހުގެ 17 ވަނަ ދުވަހު ވަނީ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފަ އެވެ. ހަމަ އެ ދުވަހު މުޅި ރާއްޖޭގައި ލޮކްޑައުން އިއުލާނުކުރި އެވެ.