ކޮވިޑް 19އާ ގުޅިގެން އައިސޮލޭޝަނުގައި ހުންނަވަން އަންގާފައި ވަނީ އެންމެ ވަޒީރަކަށް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ، ޕޮޒިޓިވްވި މީހަކާއި ފަސްޓް ކޮންޓެކްވި ބައެއް ވަޒީރުން ހޯމް އައިސޮލޭޝަންގައި މިހާރުވެސް އެބަތިއްބެވި ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ދެއްވައިފައެއް ނުވެއެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ތިން މިނިސްޓަރަކާ ގުޅިގެން ފާހަގަކުރެވޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެތަނުން އެއް މިނިސްޓަރަކީ ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކާ ބައްދަލުވެފައިވާ މިނިސްޓަރެއް ކަމަށެވެ.
"ފުރަތަމަ އެއް މިނިސްޓަރަކު ވޭ ސެކަންޑަރީ ކޮންޓެކްޓެއް ވެފައި. މާނައަކީ ޕޮޒިޓިވްވި ކޭސްއަކާ ބައްދަލުވި މީހެއް، އެމީހާއާއި މިނިސްޓަރަކު ބައްދަލުވި ކަމަށް އެނގިފައި އޮތީ. އެއީ ބަލީގެ އަލާމާތްތަކެއް ހުރެގެން ގެންދިޔަ މީހެއް އެއީ. ކޮންމެހެން އޭނަ އެއިރު ޕޮޒިޓިވްވީކީ ވެސް ނޫން. އެ ކޮންޓެކްޓާ ބައްދަލުވި ދުވަހުން ފެށިގެން މިނިސްޓަރު ސެލްފް ކަރަންޓީންވެވަޑައިގެން ހުންނެވީ ނަތީޖާ ލިބެންދެކަށް. އެ ކޭސްގައި ބަލީގެ އަލާމާތްތައް ހުރިކަމަށް ފާހަވި މީހާ ބައްޔަށް ނެގެޓިވް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ދެވަނަ މިނިސްޓަރަކީ އެ މިނިސްޓަރު ދިރިއުޅުއްވާ އިމާރާތް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވުމުން ގޭގައި މަޑުކުރައްވާފައިވާ މިނިސްޓަރެއް ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އައިސޮލޭޝަންގައި މަޑުކުރުމަށް މިހާތަނަށް އަންގާފައިވަނީ އެންމެ މިނިސްޓަރަކަށް ކަމަށާއި އެއީ އެ މިނިސްޓަރު އިހުސާން ފިހާރައަށް ވަޑައިގެންފައިވާތީ ކަމަށެވެ.
އިހުސާން ފިހާރައިން ވަނީ ބައްޔަށް ބަޔަކު މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ފިހާރައަށް ޒިޔާރަތްކޮށްފައިވާ މީހުން އެޗްޕީއޭއަށް އެންގުމަށް ވަނީ އެދިފައެވެ.
"ތިންވަނަ ކޭސްއަކީ އެއް މިނިސްޓަރު ވަޑައިގެންނެވި ތަނެއްގެ ސަބަބުން އެއީ އިހުސާން ފިހާރަ. އެހެންކަމުން އެބޭފުޅާއަށް ވަނީ މިހާރު އައިސޮލޭޓުވުމަށް އަންގަވާފައި. ފެސިލިޓީއަކަށް ގެންދަންޖެހެންޏާ އެބޭފުޅާވެސް ގެންދަވާނެ." މަބްރޫކް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ހޯމް އައިސޮލޭޝަންގައި މަޑުކުރުމަށް އަންގާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށެވެ. މިނިސްޓަރު މަހްލޫފު ވަނީ ލޮކްޑައުންގެ މުއްދަތުގައި ބައެއް ފިހާރަތަކުގެ ޑެލިވަރީގައި ހަރަކާތްތެރިވެފައެވެ.