ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން ދިވެއްސަކާއި ޕާކިސްތާން މީހެއް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ޕާކިސްތާނުގެ 48 އަހަރުގެ ފިރިހެނަކާއި 68 އަހަރުގެ ދިވެހި އަންހެނަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ.
"ޑީއެޗް 11ގައި މިހާރު ތިން މީހަކު އެޑްމިޓްކޮށްފައި އެބަވޭ. އެއީ ކުރިން އެޑްމިޓްކޮށްފައިވާ މީހާގެ އިތުރުން ދެ މީހުން. އެންމެ ފުރަތަމަ އެއީ 80 އަހަރުގެ ފިރިހެނެއް. އޭނާ ވެސް ސްޓޭބަލް ކޮންޑިޝަންގައި އޮތީ. އޭގެ ފަހުން އެޑްމިޓްކުރި ދެ މީހުންނަކީ ޕާކިސްތާނުގެ 48 އަހަރުގެ ފިރިހެނަކާއި 68 އަހަރުގެ ދިވެހި އަންހެނެއް،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން ޕާކިސްތާނު މީހާއަށް އޮކްސިޖަން ބޭނުންވާތީ އޭނާއަށް އޮކްސިޖަން ގުޅާފައިވާ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ދެން ތިބި 80 އަހަރުގެ ދިވެހި ފިރިހެން މީހާ އާއި 68 އަހަރުގެ ދިވެހި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ.