އަލީ ޔާމިން
ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބި މީހުން ރިޕޯޓުކުރުމަށް އެދިއްޖެއެވެ.
ދުބާއީގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 16އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ އެ އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެއަށް އެނބުރި އައިސްފައިވާ މީހުންގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިން ނަންބަރު 1676އަށް ގުޅައިގެން މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
"އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައިސްފައިވާ މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވޭ. އެއީ ކޮންމެހެން މިހާރު ހިންގަމުންމިދާ ކޭސްތަކާ ގުޅުމެއް ނެތަސް، މި ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތުތަކެއް ހުރި ކޭސްތަކެއްކަން ފާހަގަކުރެވިގެން އެކަން އިތުރަށް ބަލަންވެގެން އަޅުގަނޑުމެން ބޭނުންވަނީ 16 ފެބްރުއަރީން 20 ފެބްރުއަރީއަށް ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް އަންގާލުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެ އެކްސްޕޯއަށް ދިޔަ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށާއި އެ އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުން ބަލީގެ "ކޯސަސް އޮފް އިންފެކްޝަން" ފެނިފައިވަނީ އާންމުކޮށް ފެންނަ ކަންކަމާ ތަފާތުކޮށް ކަމަށެވެ. އެގޮތުން އެ އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންގެ ހިސްޓްރީއަށް ބަލާއިރު އުންމީދުކުރާ މިންވަރަށް ވުރެ ބަލި ޖެހުމަށްފަހު ރަނގަޅުނުވެ ހުރި މުއްދަތު އިތުރުވުމާއި، ބަލި ޖެހިފައި އަލާމާތްތައް މައިތިރިވުމަށް ފަހުވެސް އަނެއްކާ އަލާމާތްތައް ފެންނަކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެ އެކްސްޕޯއަށް ޒިޔާރަތްކުރުމަށް ފަހު ބައެއް މީހުން އެނބުރި ރާއްޖެއަށް އައިއިރު ކޮވިޑް 19 ޖެހިފައި ތިބެދާނެކަމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެގޮތަށް ކަން ހިނގުމަކީ މިހާރު އެމީހަކު އައިސޮލޭޓް ކުރަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.