ކުއްލި ޚަބަރު

މާލޭ ސަރަހައްދުން ކޮވިޑަށް ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

އަލީ ޔާމިން

މާލޭ ސަރަހައްދުން ކޮވިޑް 19އަށް ރެންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ކިހާވަރަކަށް ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވާ ކަމަށެވެ.

"އިއްޔެގަވެސް އަޅުގަނޑުމެން ދެއްކި ވާހަކައެއް އެއީ ރެންޑަމް ސާމްޕަލިންގެ ވާހަކަ. ކިހާވަރަކަށް ފެތުރޭތޯ ބެލުމަށް އަދި ކެޕްޗާ ނުވާ ކްލަސްޓާތައް ނުވަތަ ކެޕްޗާނުވާ އޭރިއާސްތައް ދެނެގަތުމުގެ އުންމީދުގައި އަޅުގަނޑުމެން ފަށައިގެން އުޅޭ ކަމެއް ރެންޑަމް ސާމްޕަލިން އަކީ،" އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ރެންޑަމް ސާމްޕަލް ނެގުމަށް ގަސްތުކޮށްފައިވަނީ ބާޒާރުމަތީ ފިހާރަތަކުންނާއި ކަންމަތީ ފިހާރަތަކުންނާއި ފެރީތަކުގެ އިތުރުން މަގުމަތިން ކަމަށެވެ. މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައިވެސް ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، މިއަދުވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުން މިއަދު ނެގިފައިވަނީ 25 ސާމްޕަލް ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް އަންނަނީ ފްލޫ ކްލިނިކްތަކަށް ދައްކާ އެންމެންގެ ސާމްޕަލް ނަގަމުންނެވެ. އަދި ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާ މީހުންގެ ސާމްޕަލްވެސް ނަގައެވެ. މީގެ އިތުރުން ހައިރިސްކް ކޮންޓެކްޓުންގެ ސާމްޕަލްތަކާއި ސާވައިލަންސް ސާމްޕަލްގެ ގޮތުގައިވެސް ސާމްޕަލްތައް އަންނަނީ ނަގަމުންނެވެ.

ރާއްޖޭގައި މިވަގުތު ޓެސްޓިން ކެޕޭސިޓީއަކީ 350-400 އެވެ.