ކުއްލި ޚަބަރު

ކުރިޔަށް އޮތްތަނުގައި ވެސް ކޮވިޑަށް ޕޮޒިޓިވް މީހުން ފެންނަ މީހުން ދާނީ އިތުރުވަމުން: ޑރ. އަފްޒަލް

ކުރިޔަށް އޮތްތަނުގައި ވެސް ކޮވިޑް 19އަށް ޕޮޒިޓިވް މީހުން ފެންނަ މީހުން ދާނީ އިތުރުވަމުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ބައެއް ދުވަސްދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވި ނަމަވެސް ކުރިއަށްއޮތްތަނުގައި ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ކޮންމެވެސް ވޭވް ޕެޓާނެއްގެ ގޮތަށް މިދަނީ. އޭގެ އެއް ސަބަބަކަށް ވުމަކީ ކޭސްތައް ޓެސްޓުވެގެން އަންނަ އިރު، އެ އަންނަ އިންކްރީސްއަކާއި ޓެސްޓުތައް ކޮންމެވެސް ވަރެއްގެ ބެކްލޮގަކަށް ދިޔައީމަ އެ އަންނަ ކުޑަކުޑަ ޑިޕެއް މި ފެންނަނީ. އެހެންނަމަވެސް އޯވަރޯލްކޮށް އަޅުގަނޑުމެން ބަލައިފިއްޔާ އެބަ އެނގޭ މިދަނީ މައްޗާ ދިމާއަށްކަން. އެހެންވީމާ ކޭސްތައް އިތުރަށް އިތުރުވުމުގެ ފުރުސަތު ކުރިއަށްއޮތްތަނުގައި އޮތީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބޮޑު ކޮންޓެކްޓެއްގެ ކްލަސްޓާއެއް ފެނުނީމަ އޭގެ މަސައްކަތް ފަށައިގަނެގެން ދުވަހުން ދުވަހަށް އެއާ ގުޅިގެން އަންނަ ކޭސްތައް ފެންނަލެއް އިތުރުވަމުންދާ ތަން ފެންނަ ކަމަށާއި އެގޮތުން ކްލަސްޓާތައް ވެސް އިތުރަށް ބޮޑުވެގެންދާ ތަން ފެންނަ ކަމަށެވެ.

"ޖޭއާރްވައި ކްލަސްޓާ، މިއީ އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ފެނިގެންދިޔަ ކްލަސްޓާ. އެންމެ ފުރަތަމަ ބޮޑު ކްލަސްޓާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މި ކްލަސްޓާ. އެއަށްފަހު ކުރިއަށްއޮތް ދެ ތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެލްއެލްވައި ކްލަސްޓާ، އެއީ އެންމެ ބޮޑު ކްލަސްޓާ އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔައީ. އެހެންނަމަވެސް 21 ވަނަ ދުވަހާ ހަމައަށް އެޅިއިރު އަޅުގަނޑުމެންނަށް މިއޮތީ އާ ކްލަސްޓާއެއް ބޮޑުވަމުން އަންނަތަން ފެނިފައި. އެއީ އެމްއެޗްއެފް ކްލަސްޓާ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެމްއެޗްއެފް ކްލަސްޓާ އިތުރަށް ބޮޑުވަމުން ގޮސް މިމަހުގެ 23ގައި އަނެއްކާވެސް އިތުރު ކްލަސްޓާއެއް ފެނިފައިވާ ކަމަށާއި އެގޮތަށް ކުއްލިއަކަށް އަންނަ ބޮޑެތި ކްލަސްޓާތަކަކީ ގިނަ ފަހަރު އެއް ތަނެއްގައި ނުވަތަ އެއް އެކޮމޮޑޭޝަނެއްގައި ނޫނީ އެއް އިމާރާތަކުން ފެންނަ ބޮޑު ކްލަސްޓާތައް ކަމަށެވެ. އަދި އެގޮތުން ފެންނަ ގިނަ ކްލަސްޓާތަކުގައި ގިނައިން ހިމެނެނީ އެއް ތަނެއްގައި އުޅޭ ބިދޭސީ މަސައްކަތްތެރީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.