އިތުރު ހަ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 226 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި ބަންގުލަދޭޝް މީހަކު ކަމަށެވެ.
އެ ހަ މީހުންގެ އިތުރުން ވެސް މިއަދު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެއްގެ އިތުރުން ޕާކިސްތާނުގެ މީހެކެވެ. އެހެންކަމުން ރާއްޖޭގައި މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12 އަށް އަރައިފައެވެ.
މިހާތަނަށް ރާއްޖެއިން 226 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ސިފައިންގެ ފަސް މީހަކު ހިމެނޭކަން މިއަދު އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ފަސް މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެމީހުންނާ ގުޅުންހުރި އިތުރުން ސިފައިންތަކެއް ވަނީ ކަރަންޓީނުކޮށްފައެވެ.
މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ އިއްޔެއެވެ. އިއްޔެ ވަނީ ޖުމްލަ 73 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.