ކުއްލި ޚަބަރު

އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ އަދަދު 220 އަށް އަރައިފި

އިތުރު ހަ މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ އަދަދު 220 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހަވީރު ބުނީ، އަލަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ބަންގްލަދޭޝް އެކަކާއި ޕާކިސްތާން އެކަކު ކަމަށެވެ.

ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހު އެވެ. އޭގެ ފަހުން މި ބަލީގެ މީހުން ވަނީ އަތޮޅުތެރޭގެ ބައެއް ރަށްރަށުން ވެސް ފެނިފަ އެވެ. އަތޮޅޫތެރޭން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ މީހާ ހއ. އުލިގަމުން ފެނުނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާއަށް ބަލި ޖެހުނީ މާލެއިން ފުރައިގެން ރަށަށް ދިޔަތާ ދެތިން ދުވަހެއްގެ ތެރޭގަ އެވެ.

އަތޮޅުތެރޭން ކޮވިޑު ބައްޔަށް ޕޮޒިޓިވް ދެވަނަ މީހަކު ފެނުނީ ށ. ނަރުދޫންނެވެ. އެއީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ރާއްޖޭން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވަމުންދާ އިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މީގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާން މީހުންވެސް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް މީހަކު އެންމެ ފުރަތަމަ ފެނުނީ މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހު އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުން ޓެސްޓު ކުރި ދެމީހުންނެވެ. އެ ދެމީހުންނަކީ އެ ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ ބިދޭސީިންނެވެ.

ކޮވިޑް 19 ކޮންޓްރޯލު ކުރުމަށް ޓަކައި ރާއްޖޭން ބޭރުން އެއްވެސް މީހަކު ރާއްޖެ އައުން މަނާކޮށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗްމަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.