ކުއްލި ޚަބަރު

ސިފައިންނާއި ފުލުހުން ހިމެނޭ ގޮތުން 600 އަށްވުރެ ގިނަ މީހުން އާއިލާ ކައިރިޔަށް ނުދެވޭގޮތަށް އެކަހެރިކޮށްފި

އަލީ ޔާމިން

ސިފައިންނާއި ފުލުހުން ހިމެނޭ ގޮތުން 600 އަށްވުރެ ގިނަ މީހުން އާއިލާ ކައިރިޔަށް ނުދެވޭގޮތަށް އެކަހެރިކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސިފައިންނާއި ފުލުހުނާއި ފްރަންޓް ލައިންގައި ހަރަކާތްތެރިވާ އެންމެން ހިމެނޭ ގޮތަށް 600 އަށް ވުރެ ގިނަ މީހުން އެކަހެރިކޮށްފައިވާ ކަމަށެވެ.

"ސިފައިންނާއި ފުލުހުންނާއި، ފްރަންޓްލައިންގައި ހަރަކާތްތެރިވާ އެންމެން ހިމެނޭ ގޮތަށް 600 އަށް ވުރެ ގިނަ ފަރާތްތައް މިހާރުވެސް ގެއަށް ނުގޮސް އަޅުގަނޑުމެން މިވަނީ އެކަހެރިކޮށްފަައި. އެއީ މި މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާއިރު އާއިލާތަކަށް މި ވައިރަސް ދިއުމުގެ އެއްވެސް ފުރުސަތެއް ނުބޭއްވުމަށްޓަކައި" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބަޔަކީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން ކަމަށާއި އެހެންވެ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން ބޭތިއްބުމަށް، މާލޭގެ ގެސްޓްހައުސްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ފަސް ބޭކަލަކުވެސް ހިމެނެއެވެ.