މިހާތަނަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ސިފައިންގެ ފަސް ބޭކަލުން ހިމެނިއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިންގެ ފަސް މީހަކުވެސް ހިމެނޭ ކަމަށާއި، އެމީހުންނާ ގުޅުން ހުރި އިތުރު ސިފައިން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.
"މިހާރު ސިފައިންގެ ތެރޭގައި މަސައްކަތްކުރާ ސިފައިންގެ ފަސް ސިފައިން މިހާރު ވަނީ ޕޮޒިޓިވް ވެފަ. އަދި އެމީހުންނާ ގުޅުންހުރި ބައެއް ސިފައިން މިހާރު ވަނީ ކަރަންޓީންކޮށްފައި." ކާނަލް ހުސައިން ވިދާޅުވިއެވެ.
ކާނަލް ހުސައިން ވިދާޅުވީ، މި މަސައްކަތުގެ ފްރަންޓް ލައިނަށް ސިފައިން ނުކުތް އިރުވެސް، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ސިފައިން ހިމެނޭނެކަން އެނގޭ ކަމަށާއި، މަސައްކަތަށް ނުކުތީ އެކަން އެނގި ތިބެ ކަމަށެވެ. އަދި އެކަހެރިކުރާ ސިފައިން ވެސް، ފުރިހަމަކުރަން ޖެހޭ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ހިދުމަތާ ގުޅޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކާނަލް ހުސައިން ވިދާޅުވީ، ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވެ، އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަޝިޕާއި ސިފައިންގެ މަރުކަޒުތައް އޮތީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރުވެސް އެސްއޯޕީތައް އެކުލަވާލައި އަމަލު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް 19އަށް ސިފައިންގެ މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި، ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ހަރަކާތްތެރިވާ ދެ ސިފައިންވެސް ހިމެނެއެވެ