ފެސިލިޓީތަކުގައި ތިބޭ މީހުންނަށް އެންމެ ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި އެމްއެންޑީއެފް ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ ފެސިލިޓީތަކުގައި ތިބޭ މީހުންނަށް އެންމެ ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރަމަޟާން މަހަކީ އަޅުގަނޑުމެން ދިވެހިންގެ ކެއިންބުއިމަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އަންނަ މައްސަރެއް. އެހެންވީމަ ރަމަޟާން މަހުގެ އެކި އިރުއިރުގައި ކެއުމަށް ތައްޔާރުކުރެވޭ އެއެއްޗެހި ތައްޔާރުކުރުމުގައިވެސް އެބަހުރި ގޮންޖެހުންތަކެއް. އެހެންނަމަވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ މިކަމުގަވެސް ވީ އެންމެ ރަނގަޅަކަށް މި ހިދުމަތް ފޯރުކޮށްދެވޭތޯ." ކާނަލް ހުސައިން އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން ފެސިލިޓީތަކުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންގެ އިތުރުން ދާއިމީ ބަލިތަކަށް ބޭސްކާން ޖެހޭ މީހުން ދެނެގަނެ، އެ މީހުންނަށް ޑޮކްޓަރީ އިރުޝާދާއެކު ފޯރުކޮށްދޭން ޖެހޭ ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ހުސައިން އަލީ ވިދާޅުވިއެވެ.
ފެސިލިޓީތަކުގައި ތިބޭ ރޯދަ ނުހިފޭ މީހުންނަށްވެސް ދުވާލު ގަޑީގައި އިންތިޒާމުކުރެވިގެން ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާނަލް ހުސައިން ވިދާޅުވީ، ސިފައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، ފެސިލިޓީތަކުގައި ތިބޭ މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި، އެގޮތުން މިއީ ދަތި އުނދަގޫ ހާލަތެއްކަން އެހުރިހާ މީހުންވެސް ދަންނަ ކަމަށެވެ.