އެމްއެންޑީއެފް

ޔުނީފޯމް އެޅި ގިނަ އަދަދެއްގެ ސިފައިން ގެޔަށް ނުގޮސް މަސައްކަތް ކުރާތާ ތިން ހަފުތާ ވެއްޖެ

ޔުނީފޯމް އެޅި ގިނަ އަދަދެއްގެ ސިފައިން ގެޔަށް ނުގޮސް މަސައްކަތް ކުރާތާ ތިން ހަފުތާ ވެއްޖެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފިއެވެ.

ކޮވިޑް 19ގެ ހާލަތުގައި މާލޭގެ ގްރައުންޑް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދަވާ އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ދަނޅިވަޅަކީ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސިފައިން އެކި ދިމަ ދިމާލުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ހުސައިން ވިދާޅުވިއެވެ.

އެގޮތުން ސިފައިންގޭގެ ޔުނީފޯމު އެޅި މީހުންގެ ތެރެއިން އެންމެ މަތީ އިސްވެރިން ފެށިގެން މިކަމުގައި ހަރަކާތްތެރިވަމުން އަންނަ ހުރިހާ ސިފައިން ގެޔަށް ނުގޮސް މަސައްކަތް ކުރާތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ސިފައިން ގާއިމުވެ ތިބޭނީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ. އަދި ފެސިލިޓީ މެނޭޖު ކުރުމާއި ފެސިލިޓީތައް ގާއިމު ކުރުމުގެ މަސައްކަތްތަކުގައިވެސް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ހުސައިން ވިދާޅުވިއެވެ.

ކޮވިޑް 19 މާލެއާއި އަތޮޅުތަކަށް ފެތުރި ބަލި ޖެހުނު މީހުންގެ އަދަދު 220 އަށް އަރާފައިވާ އިރު އޭގެ ތެރޭގައި ސިފައިންގެ ފަސް ބޭކަލުންވެސް ހިމެނެއެވެ.