ކޮވިޑް 19

ކަރަންޓީނަށް ދާން ދެކޮޅުހެދި އޮސްޓްރިއާ މީހަކު ކަރަންޓީނުކުރުމަށް ކޯޓުން އަމުރު ނެރެފި

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ކަރަންޓީނަށް ދާން ދެކޮޅު ހެދި އޮސްޓްރިއާ މީހަކު ކަރަންޓީނު ކުރުމަށް ސިވިލް ކޯޓުން އަމުރު ނެރެފި އެވެ.

ކޯޓުން މިއަމުރު ނެރެފައިވަނި ރޭ މެންދަމުގައެވެ.

ބާރު މިނުގައި މާލޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުން އަންނަ މީހުންނާއި އެ ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އިތުރުން ޝައްކު ކުރެވޭ މީހުން ކަރަންޓީންކުރުމުގެ ބާރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ވަނީ ދީފައެވެ.

ސިވިލް ކޯޓުން ބުނީ، ރޭ އަމުރު ނެރެ އޮސްޓްރިއާގެ މީހާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މީގެކުރިންވެސް ކަރަންޓީންނަށް ދާން ދެކޮޅުހެދި ދެމީހަކު ކަރަންޓީނަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ނަމަވެސް އެއީ ދެ ދިވެހިންނެވެ.

ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަށް ގެންދަން ކޯޓުުން އަމުރު ނެރުނު މިއީ ފުރަތަމަ ފަހަރެވެ.