ކުއްލި ޚަބަރު

1100 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ ހެދުމުގެ މަސައްކަތް ޗައިނާގެ ދެކުންފުންޏަކުން ފަށައިފި

މަރިޔަމް ޝަހުދާ

3

ރާއްޖޭގައި 1100 އަށްވުރެ ގިނަ މީހުންނަށް ތިބެވޭނެ ކަރަންޓީނު ފެސިލިޓީ ހެދުމުގެ މަސައްކަތް ޗައިނާ ދެކުންފުންޏަކުން ފަށައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވަނީ ޗައިނާގެ ދެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ފޮޓޯ އާއި މައުލޫމާތު ޓުވީޓުކުރައްވާފައެވެ.

ރާއްޖޭގައި ކަރަންޓީނު ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރާ ޗައިނާގެ ދެ ކުންފުންޏަކީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އަދި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ.

ޗައިނާ ސަފީރު ޖޭންގް ވިދާޅުވި ގޮތުގައި ޗައިނާގެ މި ދެކުންފުނީން މި މަސައްކަތް ފަށާފައިވަނީ ދިވެހި ސަރުކާރުންގެ އެދުމުގެ މަތީންނެވެ. އެގޮތުން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނިން ރާއްޖެއަށް 100 އަށް ވުރެ ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތެރިންނާއި، ވަގުތީ ފެސިލިޓީ އެޅުމަށް ބޭނުންވާ ވަސީލަތްތައް ދޭނެ ކަމަށް ޖޭންގް ވިދާޅުވިއެވެ. ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ހަދާ ކަރަންޓީނު ފެސިލިޓީގައި ގިނަވެގެން 800 މީހުން ބޭތިއްބޭނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ބީޔޫސީޖީ އިން މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި ހުރި ދެ ފަންގި ފިލާގެ އިމާރާތެއް ކަރަންޓީނު ފެސިލިޓީއަކަށް ބަދަލު ކުރުމަށް ކަމަށް ޖޭންގް ވިދާޅުވިއެވެ. މި މަސައްކަތުގައި އެ ކުންފުނީގެ 40 މުވައްޒަފުން މަސައްކަތް ކުރާ ކަމަށާއި ހުޅުމާލޭގައި ހަދާ ވަގުތީ ކަރަންޓީނު ފެސިލިޓީއަކީ 327 އެނދުގެ ފެސިލިޓީއެއް ކަމަށް ވެސް ޖޭންގް މައުލޫމާތު ދެއްވި އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި، ފޮރިން މިނިސްޓްރީގެ މީޑިއާ ޑައިރެކްޓަރު، މިއުވާން މުހައްމަދު ވިދާޅުވީ މި ފެސިލިޓީތައް ހެދުމުގައި ހަރަކާތްތެރިވާނީ ރާއްޖޭގައި މި ވަގުތު ތިބި އެ ދެކުންފުނީގެ މުވައްޒަފުން ކަމަށެވެ. އެ ގޮތުން އެ ދެކުންފުނީން މަސައްކަތުގެ އަގަށާއި މަސައްކަތްކުރަން ބޭނުންވާ މެޝިނަރީސް ފަދަ ތަކެއްޗަށް އެއްވެސް އަގެއް ނުނަގާނެ ކަމަށާއި އެހެންނަމަވެސް މި ދެ ފެސިލިޓީ ހެދުމަށް ބޭނުންވާ މެޓީރިއަލްސް ދޭނީ ދިވެހި ސަރުކާރުން ކަމަށް މިއުވާން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟