ކާމިޔާބު ފްރެންޗައިޒް އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު ސީކުއިލް ކަމުގައިވާ މިޝަން އިމްޕޮސިބަލް ނެރުން ފަސްކޮށްފިއެވެ.
ފިލްމު ޕްރޮޑިއުސްކުރާ ޕަރަމައުންޓުން ވަނީ ކޮވިޑް19އާއި ގުޅިގެން ފިލްމުގެ ހަތްވަނަ ސީކުއިލް ނެރުން އަންނަ އަހަރުގެ ނޮވެމްބަރު މަހު 19 އަށް ފަސްކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އަށްވަނަ ސީކުއިލް 2022ގެ ނޮވެމްބަރު ހަތަރަކަށް ފަސްކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ކުރީގެ މިޝަން އިމްޕޮސިބަލް ފިލްމުތަކުގައި ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ ޓޮމް ކްރޫޒެވެ. ފޭނުން މިހާރުވެސް އަންނަނީ ޓޮމް ކްރޫޒުގެ އެނބުރި އައުން އާ ސީކުއިލުން ފެނިގެންދާނެ ކަމުގެ ފޮނި އުންމީދު ކުރަމުންނެވެ.
މިޝަން އިމްޕޮސިބަލްގެ ހަތްވަނަ ސީކުއިލް ކުރިން ރިލީސްކުރުމަށް ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ ޖުލައި 23 ގައެވެ. އަދި އަށްވަނަ ސީކުއިލް 2022 ގެ އޮގަސްޓު މަހު ފަހެއްގައެެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމުގެ ޝޫޓިންގައި ޓޮމް ކްރޫޒު އިޓަލީގައި ހުއްޓާ ޕަރަމައުންޓުންވަނީ ކޮވިޑް19ގެ ސަބަބުން ފިލްމުގެ ޝޫޓިންތައް މެދުކަނޑާލާފައިވާކަން އަންގާފައެވެ.
ފިލްމުގެ މިހާތަނަށް ރިލީސްކުރި ހުރިހާ ސީކުއިލަކަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީތަކެއް ލިބިފައެވެ. ކޮވިޑް19އާއި ގުޅިގެން ހޮލީވުޑް އަދި ބޮލީވުޑް ގެ ގިނަ ފިލްމުތަކެއް ވަނީ ފަސްކޮށްފައެވެ.