އަލީ ޔާމިން
ހުޅުމާލޭގައި ހުރި ދެ ބިދޭސީއަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން "ވަން"އަށް މައުލޫމާތުދިން ގޮތުގައި އެ ދެ ބިދޭސީންނަކީ ކޮވިޑް 19ގެ ފަރުވާދިނުމަށް ސަރުކާރުން ތަރައްގީކުރާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިމާރާތްކުރުމުގެ މަސައްކަތުގައި އުޅުނު ދެ ބިދޭސީއެކެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވެސް ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އިމާރާތްކުރުމުގައި މަސައްކަތް ކުރި ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އެނގިފައިވާ ގޮތުގައި އެމީހުން ބައްޔަށް ޕޮޒިޓިވްވީ އިއްޔެއެވެ. އަދި މީހުންނާ ކޮންޓެކްޓްވި، ބައެއް މީހުންގެ ސާމްޕަލްތައް ނަގައި ކޮންޓެކްޓްވި މީހުން ވަނީ ކަރަންޓީނުކޮށްފައެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމަން ފެނަކައިގެ 100 ވަރަކަށް މުވައްޒަފުންނާއި ބިދޭސީންގެ އިތުރު ސިފައިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ފެނަކައިގެ މުވައްޒަފުންގެ ތެރޭގައި އެކި ރަށްރަށުން މާލެ ގެނެސްފައިވާ މުވައްޒަފުން ވެސް ހިމެނެއެވެ.
ހުޅުމާލޭގައި އިމާރާތްކުރާ މެޑިކަލް ފެސިލިޓީއަކީ 300 އެނދުގެ ފެސިލިޓީއެކެވެ. އެތަން ހެދުމަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮވިޑް 19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް އަރާފައިވާ އިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 73 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.