ދުނިޔެ

އޮސްޓްރޭލިއާގެ ކޮންޓެކްޓް ޓްރޭސިން އެޕް އެއްގަޑިއިރުތެރޭ މިލިއަނަކަށްވުރެން ގިނަ މީހުން ޑައުންލޯޑުކޮށްފި

މުހައްމަދު އައުޒަމް

1

އޮސްޓްރޭލިއާގެ ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެގައުމުގެ ރައްޔިތުންގެ ކޮންޓެކްޓް ޓްރޭސް ކުރުމަށް އުފެއްދި އެޕް ތައާރަފު ކުރިތާ އެއްގަޑިއިރު ނުވަނީސް މިލިއަނަކަށްވުރެ ގިނަ މީހުން ޑައުންލޯޑް ކޮށްފިއެވެ.

"ކޮވިޑް ސޭފް" އެޕް އިން ބްލޫޓޫތު ސިގްނަލްގެ އެހީގައި 4.9 ފޫޓު ގައި ހުންނަ މީހަކާ ޑިޖިޓަލްކޮށް ސަލާމް ކުރެވެއެވެ. އަދި އެ ބައްދަލުވި މީހާގެ މައުލޫމާތު ރައްކާކުރެ އެވެ.

މި އެޕް ގެންގުޅޭ މީހަކު ކޮވިޑަށް ޕޮޒިޓިވް މީހަކާ އެކު 15 މިނެޓަށްވުރެ ގިނަ ވަގުތު އެކުގައި ހޭދަކޮށްފި ނަމަ، އެއީ ކްލޯސް ކޮންޓެކްޓެއް ކަމަށް އަންގައި ނޮޓިފައި ކުރާނެއެވެ.

ކޮވިޑުން ލިބޭ ގެއްލުން ކުޑަކުރުމަށް އޮސްޓްރޭލިއާއިން ތައާރަފު ކުރި މި އެޕްގެ ސަބަބުން އެގައުމުގައި ކޮންޓެކްޓް ޓްރޭސް ކުރުމާއި ބަލިފެތުރުން ހުއްޓުވުމަށް ފަސޭހަވެގެން ދާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު މޮރިސަން ވިދާޅުވީ އެގައުމުގެ 40 އިންސައްތަ މީހުން މި އެޕް ޑައުންލޯޑު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ރައްޔިތުންގެ އަމިއްލަ މައުލޫމާތު ސިއްރު ގޮތުގައި މިއެޕްގައި ހުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި އެޕް އަޅާ މީހުންގެ ޒާތީ މައުލޫމާތު ކޯޓު އޯޑަރަކުން ވެސް ނުހޯދޭ ގޮތަށް، އެ މައުލޫމާތު ހަމައެކަނި ކޮވިޑާއި ގުޅިގެން ކޮންޓެކްޓް ޓްރޭސީން ހަދާ ސިއްހީ މާހިރުންނަށް ހަމައެކަނި އެބޭނުމަށް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 6000 އަށް ވުރެން ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު 80 މީހުން ވަނީ މަރުވެފައެވެ. އެ ގައުމުގައި ބަލި ޖެހޭ މިންވަރު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟