ކ. ތުލުސްދޫން ދެ ބިދޭސީއަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް "ވަން"އަށް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީން ކަމަށެވެ. އަދި އެމީހުންނަކީ މިމަހުގެ 21 ވަނަ ދުވަހު ޕޮޒިޓިވްވި ދެ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިގެން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އައިސޮލޭޝަންގައި ތިބި މީހުން ކަމަށެވެ.
އެމީހުންނަކީ އެރަށަށް ކޮންޓްރެކްޓް މަސައްކަތެއްގައި އައިސް އުޅުނު ބަންގްލަދޭޝްގެ ދެ މީހުންނެވެ.
އަނީސް ވިދާޅުވީ އެމީހުންގެ ސާމްޕަލް ނަގާފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި އެމީހުންނާއެކު އެރަށުގެ 40 ވަރަކަށް މީހުންގެ ސާމްޕަލްވެސް ނެގި ކަމަށެވެ. އަދި އެ ދެ ބިދޭސީން ފިޔަވައި އެހެން އެންމެންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމީހުން ދިރިއުޅޭ ގޭގައި އެމީހުން ކަރަންޓީންކޮށްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމެއް އެރަށަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސާމްޕަލް ނެގުމަށްޓަކައި ތުލުސްދޫ މޮނިޓަރިންގައި އޮންނަތާ މިހާރު ދެތިން ދުވަސްވެއްޖެއެވެ.