ހާލަތު ބަދަލުވާ ގޮތަކުން ބިދޭސީން ޑެލިވަރީކުރުން ހުއްޓުވަން ޖެހޭ ހާލަތަކަށްވެސް ހިނގައިދާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، މިހާރު ވެސް ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.
ނަމަވެސް މިހާރު ވެސް ހަ ގަޑިން ނުވަތަ އަށް ގަޑިން ރާއްޖޭގެ ހާލަތު ބަދަލުވަމުން އަންނައިރު އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި ބެލި ފެތުރެމުންދާތީ ކުރިއަށް އޮތްތަނުގައި ބިދޭސީންގެ ޑެލިވަރީ ކަންތައްތައް ވެސް ހުއްޓާލަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަބަބަކީ ބިދޭސީން ހުރިހާތަނަކަށް ޑެލިވާކޮށް ކަންތައް މިކުރަނީ. އަދި އެފަރާތްތައް ނިދަނީ ވެސް ގިނަ މީހުން އެއްތަނެއްގައި ނިދާ ތަންތަނުގައި. ކުރިއަށް އޮތްތަނުގައި ނިންމަންޖެހިދާނެ ޑެލިވަރީ ކަންތައް މިހާރަށްވުރެ ވަރަށް ބޮޑަށް ސްކޭލް ޑައުންކޮށްފައި ޝޮޕިން ޕާމިޓް ލިބުނީމަ، ޝޮޕިން ޕާމިޓް އޮންނަ ފަރާތްތަކުން އެގަޑީގަ އެ އެއްޗެހި ބައްލަވައިގަންނަން ނުކުންނަ ގޮތަށް ވެސް ދާންޖެހިދާނެ" ނަވީން ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ލުއިތައް ހޯދައިދޭން ފުލުހުން މަސައްކަތް ކުރަމުން އަންނައިރު ފުލުހުން ދޭ ހުއްދަތަކުގެ ނާޖާއިޒް ފައިދާ ނަގަމުންއަންނަ ނަމަ ދެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު އާންމު ހާލަތު އިތުރަށް އުދަނގޫވެގެން ހިނގައިދާނެ ކަމަށެވެ.