ކޮންޓެކްޓް ޓްރޭސިން 2000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި ހިދުމަތް ދެވޭލެއް ލަސްވާފަހަރު އަންނަކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ސާމްޕަލް ނުނެގި ގިނަ ދުވަސްވުންފަދަ އޮޕަރޭޝަން މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަން ގަބޫލުކުރާ ކަމަށެވެ.
އެގޮތުން ވެސް 2000 އަށްވުރެ ގިނަ ކޮންޓެކްޓް ޓްރޭސް ކުރެވިފައިވާއިރު މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލަކީ އެ އެންމެންނާއި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައި ތިބި މީހުންގެ ސާމްޕަލް ނެގުން ކަމަށާއި އަދި އެކަމުގައި ވެސް ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް އިސްކަން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ފަހަރު ލަސްތައް އެބަހުރި އާދަޔާ ހިލާފަށް ބޮޑަށް ލަސްވެފަ. އެކަންތައްތައް ބަލައިގަންނަން. އަޅުގަނޑުމެންގެ ފަރާތުން ރަނގަޅު ކުރަންޖެހޭ ކަމެއްގެ ގޮތުގައި. އެ މަސައްކަތް އެބަކުރޭ. އާރުއާރުޓީ ޓީމުވެސް އިތުރަށް ވަރުގަދަވޭ. ކޮންޓެކްޓް ޓްރޭސިންގަ ވެސް މޭންޕަވާ އެބަ އިތުރުކުރޭ. އެކަންތައްތައް ކުރަމުން ދަނީ. ބުނަން ބޭނުން ވަރަށް ބުރަކޮށް އެ ޓީމުތަކުން މަސައްކަތް ކުރަމުންދަނީ،" މަބްރޫކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސާމްޕަލް ނެގުން ލަސްވެގެން ދަނީ އެ މަސައްކަތްކުރާ ޓީމުގެ ފަރުވާކުޑަކަމުން ނޫން ކަމަށާއި އެކަމުގެ ބޮޑުކަމުން ކަމަށެވެ. އަދި އެއީ ރަނގަޅުކުރަންޖެހޭ ކަމެއް ކަމުން އެންއީއޯސީން އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ، ސާމްޕަލް ނެގުން ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ވީ މިންވަރަކުން ގޭގައި މަޑުކޮށްދިނުމަށް އެދޭ ކަމަށާއި އެހެން ނޫންނަމަ ކޮންޓެކްޓް ޓްރޭސިން އިތުރަށް ފުޅާވެ އިތުރު އުދަނގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.