ކުއްލި ޚަބަރު

ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރި މީހުންގެ އަދަދު 1800 އަށްވުރެ މައްޗަށް އަރައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ މައްސަލަތަކާއި ވަޒީފާއާ ގުޅޭ އެހެން މައްސަލަތައް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރި މީހުންގެ އަދަދު 1800 އަށްވުރެ މައްޗަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ރިލީފް ޕެކޭޖް ދިނުމުގައި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ތަންތަނަށް އިސްކަން ނުދޭނެ ކަމަށެވެ.

މަބުރޫކު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ މައްސަލަތަކާއި ވަޒީފާއާ ގުޅޭ އެހެން މައްސަލަތައް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ޖޮބް ސެންޓަރުގައި މިހާތަނަށް 1832 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެމީހުން މަސައްކަތް ކުރާ ތަންތަނުގެ މައުލޫމާތު އެބަހުރި ކަމަށެވެ.

"މިހުރިހާ މީހުންގެ މައުލޫމާތު މިހުރީ ލޮޖް ކުރެވިފައި. އެބޭފުޅުން ވަޒީފާ އަދާކުރާ ވިޔަފާރިތައް އަޅުގަނޑުމެންނަށް އެނގޭ. ރިލީފް ޕެކޭޖް ދިނުމުގައި އެކަންކަމަށް ބެލުމަށްފަހުގައި ނުވަތަ ވަޒީފާއަށް ބުރޫއަރާގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކަށް ޕްރިއަރިޓީއެއް ނޯންނާނެ. އެއީ ހަމަ ވަރަށް ސާފުކޮށް އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން ވެސް ދަންނަވާފައިވާގޮތް،" މަބްރޫކް ވިދާޅުވިއެވެ.

އޭގެތެރޭގައި ނޯޕޭއަށް ދިޔަ 562 މީހަކާއި ވަޒީފާއިން ކަނޑާލައިފައިވާ 450 މީހަކާއި މުސާރަ ދައްކުރިމަށް ބުނާ 253 މީހަކާއި ބައި މުސާރައަށް މުސާރަ ކުޑަކުރިކަމަށް ބުނާ 160 މީހަކާއި ސަސްޕެންޑް ކުރި 131 މީހަކާއި ހަމައެކަނި ބޭސިކް މުސާރަ ދޭގޮތަށް ނިންމި ކަމަށް ބުނާ 63 މީހެއް އަދި އަމިއްލަ މަސައްކަތް ކުރާ 193 މީހަކު އެބަތިބި ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ގަވައިދާ ހިލާފަށް ވަޒީފާއަށް އެއްވެސް ބަދަލެއް ވަޒީފާދޭ ފަރާތުން ގެންނަ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.