ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި އެންމެންގެ ހާލުވެސް މިވަގުތު ރަނގަޅު: ޑރ. އަފްޒަލް

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ކޮވިޑް 19 ޖެހިފައި ތިބި އެންމެންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަލި ޖެހިފައިވާ މީހުންގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހިގެން އައިސޮލޭޓްކޮށްފައިވާ ބަލި މީހުންގެ ހާލަތު ގޯސް ނޫން ކަމަށެވެ. އަދި ކޮވިޑް ޖެހިގެން އައިސޮލޭޓު ކޮށްފައިވާ މާބަނޑު މީހާގެ ހާލު ވެސް ރަނގަޅު ކަމަށާއި އެމީހާގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"ބަލިމީހުންގެ ހާލަތު ސްޓޭބަލް. މާބަނޑު އަންހެން މީހާވެސް ވަރަށް ކްލޯސްލީ ބެލެމުން ދަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބަލިޖެހުނު މީހުންގެ ތެރޭގައި ކުޑަކުދިން އެހާ ގިނަ ނޫން ކަމަށާއި ބަލި ޖެހުނު ކުޑަކުދިންނަށް ޖެހިފައި ހުރީ އެކުދިންގެ މައިންބަފައިންގެ ތެރެއިން އެކަކަށް ބަލި ޖެހިގެން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ 214 ކޭސް ފެނިފައިވާ އިރު އޭގެ ތެރެއިން 17 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއަދު އެކަނިވެސް މިހާތަނަށް 73 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.