ކުރިޔަށް އޮތްތަނުގައި ރަށްތަކަށް ފެތުރުން އެކަށީގެންވާ ކަމަށާއި ލޮކްޑައުން ހުޅުވޭކަށް އަދި ނެތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ނިމުމަކަށްގެނެވޭނީ މިހާރު ފެންނަ ކޭސްލޯޑްތައް ކޮންޓްރޯލަކަށް އައިސްގެން ކަމަށެވެ.
މިހާރު ހޯދަމުން އަންނަނީ ބެކްލޮގެއް ނުވަތަ އެ ބެކްލޮގްގެ ތެރެއިން އުފެދިފައިވާ ބައިވަރު ފޯކަސްތަކަކުން އާންމުވެގެން އުޅޭ ކޭސްތަކެއް ކަމަށާއި އަދި ހެލިފެލިވެ އުޅޭ މީހުން ދިމާވެ އެކުގައި އުޅޭ ކަހަލަ ގްރޫޕެއްގެ ތެރޭގައި ކޭސްތައް ފެންނާތީ އިތުރަށް އާންމުވުމުގެ ފުރުސަތު އޮންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް ގޭގެތެރޭގައި ތިބި މީހުންގެ ކިބައިން އެބަލި ފެންނަލެއް މަދުކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
"އެހެންނަމަވެސް މިވަގުތު ލޮކްޑައުން ހުޅުވާފައި ބެހެއްޓޭކަށް ނެތް. އެއީ ކުރިޔަށް އޮތްތާނގައި އެކަށީގެންވޭ ރަށްތަކަށް ސްޕްރެޑް ވުން ވެސް. އެހެންވީމަ އެކަހަލަ ކަމެއް ހުރި ނެތްގޮތް ނުވަތަ ދާގޮތެއް އެނގުނީމަ ލޮކްޑައުން ލިފްޓް ކުރެވޭނީ." ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ލޮކްޑައުން ނިންމުމާ ހަމައަށް ދެވޭނީ ބެކްލޮގަށް ވެފައި ހުރި ހުރިހާ ކޭސްއެއް ދެނެގަނެވި އަދި ކޮންމެވެސް ވަރަކަށް އެ އަދަދު ތިރިވާން ފެށުމުން ކަމަށެވެ. އަދި އެހިސާބުން ލޮކްޑައުން ހުޅުވާލާފައި ދެން ކަންތައް ބަހައްޓާނެ ގޮތަކާ މެދު ވިސްނާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.