ކުއްލި ޚަބަރު

ގަވައިދާ ހިލާފުވެގެން 122 މީހަކު ޖޫރިމަނާކޮށް ނުވަ މީހަކު މިއަދު ހައްޔަރުކޮށްފި

ލޮކްޑައުންގައި ގަވައިދާ ހިލާފުވެގެން 122 މީހަކު ޖޫރިމަނާކޮށް ނުވަ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ނުވަ މީހަކު ހައްޔަރުކޮށްފައިވަނީ ލޮކްޑައުންގެ އަމުރުތަކަށް ކިޔަމަންނުވުމުން ކަމަށެވެ.

"މިއަދުގެ މިހާ ހިސާބަށް 122 މީހުން ވަނީ ޖޫރިމަނާކުރެވިފައި. ލޮކްޑައުންގެ އަމުރުތަކަށް ކިޔަމަންނުވެގެން މިއަދު ނުވަ ފަރާތެއް ވަނީ ފުލުހުންގެ ހައްޔަރަށް ނެގިފައި. އަދި ޑެލިވަރީ ޕާމިޓުގެ ގޮތުގައި އަޅުގަނޑުމެންނަށް ދޫކުރެވިފައިވޭ ޖުމްލަ 4،489 ޕާމިޓް. އަދި މިއަދު އެކަނި ވެސް ޑެލިވަރީ ޕާމިޓުގެ ގޮތުގައި 136 ޕާމިޓް ދޫކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ވިޔަފާރިކުރުމަށް ބޭރަށް ނުކުތުމަށް މާލެ 26 ޒޯނަކަށް ބަހާލެވިފައިވާ އިރު، ކޮންމެ ޒޯނަކުން ވެސް ބޭރުގައި އުޅެވޭނީ ގިނަވެގެން 65 މީހުންނަށް ކަމަށާއި ޕޯޓަލް މެދުވެރިކޮށް ޒޯނަކަށް ދޫކުރެވޭނީ ވެސް 65 ހުއްދަ ކަމަށެވެ.

"އެއަށްވުރެ މަދުން ވެސް ބައެއް ޒޯނުތަކުގައި ހުރެދާނެ ކަނޑައެޅިފައި. އަދި މިހާރު ދޫކުރެވެމުން މިދަނީ ދާއިމީ ފާހެއް. ކޮންމެވެސް ދެ ދުވަހެއްގައި ބޭނުންކުރެވޭގޮތަށް ފާސް ދޫކުރެވިގެންމިދަނީ. އެއީ ވެސް ރައްޔިތުންގެ ކަންތައްތަކަށް ލުއިކުރުމަށްޓަކައި. ހެނދުނު 9:00 އިން ރޭގަނޑު 12:00 އާ ހަމައަށް ބަހާލައިގެން ގަޑިއިރަކަށް ކޮންމެ ބޭފުޅަކަށް ވެސް ދެވޭ ގޮތަށް ހެދިފައި މި އިންނަނީ،" އޭނާ ވިދާޅުވިއެވެ.

ނަވީން އިތުރަށް ވިދާޅުވީ ހުއްދަ ކެންސަލްކުރުމަށް ނުވަތަ ދީފައިވާ ގަޑި ބަދަލުކުރަން ބޭނުންވާ ނަމަ، 1665 އަށް ގުޅުމުން އެކަން ހަމަޖައްސައިދޭނެ ކަމަށާއި ބަދަލުކުރަން ބޭނުންވާ ގަޑިއަށް ހުއްދަދެވެން ނުދެވޭ ނަމަ، ހުއްދަދެވޭނެ އެހެން ގަޑިއަކަށް ބަދަލުކޮށްދޭނެ ކަމަށެވެ.