އަލީ ޔާމިން
ބައްޔެއް ވިޔަސް ޑޮކްޓަރަށް ދާން މިހާރު ފަސޭހައެއް ނުވާނެ ކަމަށާއި ސިއްހަތު ރަނގަޅު ކާނާ ބޭނުންކުރުން މުހިންމު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުންއާއެކު އާންމު ހާލަތުގައި ކުރާ ގިނަ ކަންތައްތައް ކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަމުގައި އުނދަގޫތައް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެހެން ރޯދަމަސްތަކާއި މިއަހަރުގެ ރޯދަމަހާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި، މިއަހަރުގެ ރޯދަ މަހު އެންމެންވެސް ތިބެން ޖެހިފައި މިވަނީ ގޭތަކުގައި ކަމަށެވެ. އެހެންކަމުން ގޭތަކުގައި ތިބޭއިރު ސިއްހަތަށް ބެލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
"އެންމެން މިރޯދަ މަހު މިތިބެނީ ގޭތަކުގައި ތާށިވެފައި. އެހެންކަމުން ސިއްހަތަށް ބެލުން ވަރަށް މުހިންމު. އެހެން ރޯދަ މަސްތަކު ތަންކޮޅެއް ސްޕައިސީ އެއްޗެހި، ހަވާދުލީ އެއްޗެހި، ތެލުލާފައި ހުންނަ އެއްޗެހި ގިނައިން ކޭ ކަމުގައި ވިޔަސް، އެހެން ރޯދަމަހެއްގައި ކިރިޔާވެސް އުނދަގުލެއް ވެލާއިރަށް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާލަން ފަސޭހަވާނެ. އެހެންނަމަވެސް މި ރޯދަ މަހު އެބަ ޖެހޭ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ސިއްހަތަށް ބަލައިގެން ކެއިންބުއިމުގެ ކަންކަން ހަމަޖައްސަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މާލޭގައި ހަލުވިކަމާއެކު ބަލިފެތުރެމުންދާތީ، ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ. އަދި ގޭތަކުގައި ތިބެެގެން ޑެލިވަރީ ހަދާއިރުވެސް ޑެލިވަރީކޮށްދޭ މީހާއާއި ގައިދުރުކަން ބަހައްޓަން ޖެހޭ ކަމަށާއި، ގެންނަ ތަކެތި ދޮވެގެން ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.