ކުއްލި ޚަބަރު

ޑެލިވަރީ ހިފައިގެން އަންނަ މީހާއާވެސް އެކަށީގެންވާ ގައިދުރުކަން ބަހައްޓަވާ!: ޑރ. އަފްޒަލް

އަލީ ޔާމިން

ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީ ހިފައިގެން އަންނަ މީހާއާވެސް އެކަށީގެންވާ ގައިދުރުކަން ބެހެއްޓުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑަށް މާލެއިން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވަމުންދާއިރު ހުރިހާ އެންމެންވެސް މިވަގުތު ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.

ޑެލިވަރީގައި ހަރަކާތްތެރިވާ މީހުންނަކީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބައެއް ކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، ޑެލިވަރީ ހިފައިގެން އަންނަ މީހާއާވެސް އެކަށީގެންވާ ގައިދުރުކަމެއް ބަހައްޓަން ޖެހޭ ކަމުގައެވެ.

"އަޅުގަނޑުމެން ކުރިންވެސް ދެންނެވިހެން ޑެލިވަރީ ހިފައިގެން އަންނަ މީހުންނާ ތިބޭފުޅުން އެބަޖެހޭ އެކަށީގެންވާ ދުރުމިނެއް ބަހަށްޓަން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ޑެލިވަރީއިން ގެންނަ ތަކެއްޗަކީ ދޮވެވޭ ފަދަ ތަކެތިނަމަ އެންމެ ރަނގަޅު ގޮތަކީ އެތަކެތި ދޮވެލުން ކަމަށާއި، އެނޫން ތަކެތިވެސް ޑިސްއިންފެކްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑެލިވަރީގައި ފައިސާގެ ބަދަލުގައި އޮންލައިން ޓްރާންސެކްޝަން ހެދުމަށްވެސް ޑރ. އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ.