އަލީ ޔާމިން
ލޮކްޑައުންގެ ހާލަތުގައި ޑެލިވެރީގެ ހިދުމަތްދޭ މީހުންގެ ސިއްހީ ހާލަތު ކަށަވަރުކޮށްދިނުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުންއާ ގުޅިގެން މާލޭގެ މަގުތަކުގައި މިހާރު އެންމެ ގިނައިން ހަރަކާތްތެރިވާ އެއްބަޔަކީ ޑެލިވަރީގައި މަސައްކަތް ކުރާ މީހުން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޑެލިވަރީގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން އެމީހުންނަކީ ކޮންމެ ދުވަހަކު މޮނީޓާކުރަން ޖެހޭނެ ބައެއް ކަމަށެވެ.
"މިހާރު ފެންނަ ކޭސްތަކާ ގުޅިގެން އަޅުގަނޑު ދޭން ހުރި އިރުޝާދަކީ ފުރަތަމަ ކަމަކަށް ޑެލިވަރީގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް އަދި އެމީހުންނާ ހަވާލުވެގެން އުޅޭ މީހުންގެވެސް ވަރަށް މުހިންމު ކަމެކޭ އެއީ އެމީހުންގެ ސިއްހީ ހާލަތު ހުރީ ކިހިނެއްތޯ ކޮންމެ ދުވަހަކު އެމައުލޫމާތު ނެގުން. އަދ ކިރިޔާވެސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަޅުގަނޑުމެންނަށް އަންގަން އެބަ ޖެހޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ބަލީގެ އަލާމާތްތައް ފެނުމަށް ފަހުވެސް ބައެއް މީހުން މަސައްކަތަށް ނުކުންނަކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، އެފަދައިން އެއްވެސް މީހަކު އަމަލުކޮށްގެން ނުވާނެ ކަމަށާއި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވެ އެޗްޕީއޭއަށް އެންގުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވްވުމާއެކު މާލޭގައި ވަނީ ޑެލިވަރީގެ ހިދުމަތަށް ޑިމާންޑް ބޮޑުވެފައެވެެ.