އަނެއްކާވެސް 23 މީހުން ކޮވިޑް 19އަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ 214 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު 23 ޕޮޒިޓިވް ކޭސްއެއް ފެނި، މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އަރާފައިވާ ކަމަށެވެ.
"އިތުރަށް 23 ކޭސް ފެނުމުން މިއަދުގެ ޖުމްލަ 73 އަށް އަރާފައި މިވަނީ. ޖުމްލަ 214 ކޭސް މިހާތަނަށް ފެނިފައިވަނީ. ވަކިވަކި ކްލަސްޓާތައް ވަރަށް ބޮޑެތިކޮށް ފެންނަކަން ފާހަގަކުރެވޭ. ގިނަ ފަހަރު ބޮޑެތި ކްލަސްޓާތަކަކީ އެއް ކްލަސްޓާއާއި އަނެއް ކްލަސްޓާއަކާ ވެސް ގުޅުންހުރި ކްލަސްޓާތައް. އެހެންވީމަ މީގެން އަޅުގަނޑުމެންނަށް ދޭހަވާ މާނަތަކެއް އެބަހުރި. މިސާލަކަށް އެ ލޮކޭޝަނެއްގެ ސަބަބުން ކްލަސްޓާތައް އިތުރުވުމާއި ނުވަތަ ކްލަސްޓާތަކުން ފެންނަ މީހުންގެ ބާވަތާއި، މާނައަކީ އެއީ ކޮންކަހަލަ މަސައްކަތެއް ކުރާ ބައެއް ކަމާއި އެކަކު އަނެކަކާ ކަނެކްޓްވެފައިވަނީ ކިހިނެއް ކަމާއި، މިކަހަލަ ބައިވަރު މައުލޫމާތުތަކެއް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިއަދު ފުރަތަމަ ފެނުނު 50 މީހުންގެ ތެރެއިން 13 މީހަކު ގުޅިފައިވަނީ އެމްއެޗްއެފް ކްލަސްޓާއާ ކަމަށާއި އެ ކްލަސްޓާއަކީ ވަރަށް ބޮޑުކޮށް ފެންނަ ކްލަސްޓާއެއް ކަމަށެވެ. އަދި އެއް ކްލަސްޓާއަކާ ގުޅޭ 21 މީހުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އޭއެމްއެޗް ކްލަސްޓާއިން 21 މީހުން. މީގެ އިތުރުން އެއްވެސް ކްލަސްޓާއެއްގައި ނުހިމެނޭ ގޮތަށް ފެނިފައި އެބަހުރި 11 މީހަކު. އަދި ބީއެންސީ ކްލަސްޓާއިން އެކަކު، އާރުއައިއެސް ކްލަސްޓާގެ ދެ މީހުންނާއި ބީޒެޑްއެމް ކްލަސްޓާއިން ދެ މީހުން. މީގެ އިތުރުން މިހާ ކްލަސްޓާ ގިނަވެފައިވުމާއެކު މީގެ ތެރެއިން ބައެއް ކްލަސްޓާތައް، ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލާނަން އޭއެމްއެޗް ކްލަސްޓާ. އޭއެމްއެޗް ކްލަސްޓާއިން ވަކިން އެކަނި 517 ކޮންޓެކްޓްސް އަޅުގަނޑުމެންނަށް އައިޑެންޓިފައިވެފައިވޭ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާއެކު އެ ބޯޓުން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ފުޅާވެގެން ގޮސްފައިވާ ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަރަށް ފުޅާވެގެން ގޮސްފައިވާ ކަމަށެވެ.