ކުއްލި ޚަބަރު

އާމާޒު ބޯޓާއެކު އިތުރު ދެ ބޯޓަކާއި ދޯންޏެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

އާމާޒު ބޯޓާއެކު އިތުރު ދެ ބޯޓަކާއި ދޯންޏެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާރު 20 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށާއި އަދި ޕޮޒިޓިވް ކޭސްއެއް ފެނުނު އަމާޒު ބޯޓުގެ އިތުރުން ދެ ބޯޓަކާއި ދޯންޏެއް ވެސް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

"މިވަގުތު މޮނީޓަރިންގެ ހާލަތުގައި ހުރި ތަންތަނަކީ ހއ. ދިއްދޫ، ހއ. އުތީމު، ށ. މާއުނގޫދޫ، ށ. ފީވަށް، ށ. ނިލަންދޫ، ށ. ފުނަދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މިލަންދޫ، ނ. މާފަރު، ނ. ހޮޅުދޫ، ހއ. އުލިގަމު، ތުޅާގިރި އައިލެންޑް ރިސޯޓު، ކ. ކުޑަ ވިލިނގިލި، ކ. ތުލުސްދޫ، ބ. ފުޅަދޫ، ކ. ގުރައިދޫ އަދި ގްރާޓާ މާލެ އޭރިއާ.

މީގެ އިތުރުން އަމާޒު ބޯޓު، ދުރު ރާސްތާ 8، އެއީ މަސްވެރިކަން ކުރާ ދޯންޏެއް، ކާވިޔާ ބޯޓު އަދި ނޫފަރު އެކްސްޕްރެސް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.

ހއ.، ށ.، ހދ. އަދި ނ. އަތޮޅުގެ ބައެއް ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި އެ ބޯޓުން އެ އަތޮޅުގެ ރަށްރަށަށް މީހުން ދަތުރުކޮށްފައިވެއެވެ.