ކުއްލި ޚަބަރު

ކަރަންޓީނު ފެސިލިޓީތަކަށް ހަރަދުކުރި ކަމަށް ނަޝީދު ވިދާޅުވީ 595 މިލިއަން، ސަރުކާރުން ހާމަކުރީ އެހެން އަދަދުތަކެއް!

އަލީ ޔާމިން

1

އިއްޔެއާ ހަމައަށް ކޮވިޑް 19ގެ ކަންކަމަށް ހަރަދުވެފައިވަނީ 560 މިލިއަން ރުފިޔާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވިއިރު ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 595 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކޮވިޑް 19އަށް ތައްޔާރުވުމަށް ކުރެވުނު ހުރިހާ ކަމަކަށް އިއްޔެގެ ނިޔަލަށް ސަރުކާރުން ހޭދަކޮށްފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 560 މިލިއަން ރުފިޔާ ކަމަށާއި، އެ ފައިސާގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އާއި ހެލްތު މިނިސްޓްރީން ކޮވިޑް 19އަށް ތައްޔާރުވުމަށް ހޭދަކުރި 386 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

"އެ ފައިސާ އަކީ ޕީޕީއީ، އާއި މެޑިކަލް އިކުއިޕްމެންޓާއި، ޓެސްޓު ކުރަން ބޭނުންވާ އިކުއިޕްމެންޓާއި، ރިއޭޖެންޓްސްއާއި، ބޭސްފަރުވާއަށް ބޭނުންވާ ކޮންޒިއުމަބަލްސްއާއި، އެންއީއޯސީގެ މުޅި އޮޕަރޭޝަނަށް ހަރަދުކޮށްފައިވާ ފައިސާ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، 560 މިލިއަން ރުފިޔާގެ ތެރެއިން 84 މިލިއަން ރުފިޔާއަކީ ޑިޒާސްޓާ ޓްރަސްޓް ފަންޑުން ނެގި ފައިސާ ކަމަށެވެ. އެ ފައިސާ ނެގީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ދިހަ މަސް ދުވަހަށް ވާ ވަރަށް ކާޑުގެ ބާވަތްތައް ގަންނަން ކަމަށާއި ކާޑު ވިއްކުމަށްފަހު އެސްޓީއޯއިން އެ ފައިސާ އަލުން އަނބުރާ އެ ފަންޑަށް ލާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހަދާ 300 އެނދުމުގެ މެޑިކަލް ފެސިލިޓީއަށް މިހާތަނަށް 36 މިިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މަރާމާތާއި އިމާރާތް ކުރުމަށް 16.4 މިލިއަން ރުފިޔާ އަދި މެޑިކަލް އިކުއިޕްމެންޓަށް 19.5 މިލިއަން ރުފިޔާއެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި، ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ޖުމްލަ 7.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކަރަންޓީން ފެސިލިޓީތައް ހެދުމަށް ޓޫރިޒަމް ޓްރަސްޓް ފަންޑުން 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ވެލިދޫގެ މަރާމާތުގެ މަސައްކަތަށް 469،000 ރުފިޔާ އާއި ވިލިވަރުގައި 30 ކޮޓަރި ހެދުމަށާއި ސާވިސް އޭރިއާ ހެދުމަށް 6.6 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އައިސީޔޫ އެނދުތަކާއި އައިސޮލޭޓު ކުރާ ތަންތަން ހެދުމަށް 27 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ރާއްޖެއިން ބޭރުން މީހުން ގެނައުން ފަދަ ކަންކަމަށް ފޮރިން މިނިސްޓްރީން މިހާތަނަށް 6.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރިސޯޓު ކަރަންޓީނު ފެސިލިޓީތަކުގައި މީހުން ބައިތިއްބަނީ ކޮންމެ ކޮޓަރިއަކަށް ދުވާލެއްގެ މައްޗަށް 750 ރުފިޔާ ސަރުކާރުން ހަރަދު ކުރާ ގޮތަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށްގެންދިޔުމަށް 4.4 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ނެގޭނެ ގޮތް ހަމަޖައްސައިދޭން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟