ކުއްލި ޚަބަރު

އިތުރު ތިން މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 191 އަށް

އިތުރު ތިން މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 191 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ޕާކިސްތާނުގެ މީހެއް ކަމަށެވެ.

އެ ތިން މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެ ތިން މީހުންގެ އިތުރުން ވެސް މިއަދު ހަވީރު ވަނީ 11 މީހަކު ޕޮޒިޓިވްވެފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ނުވަ މީހަކާއި ދިވެއްސަކާއި އިންޑިއާ މީހެކެވެ.

ރޭ ދަންވަރު އެޗްޕީއޭ އިން އިއުލާންކުރި 36 ކޭސްއާއި މިއަދު ހަވީރު އިއުލާނުކުރި ކޭސްތަކާއެކު މިއަދުގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 50 އަށް އަރައިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނުނު ދުވަހެވެ. އަދި މިހާތަނަށް ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވަނީ މާލެއިންނެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު 191 އަށް އަރާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގުލަދޭޝްގެ 84 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ދިވެހިންގެ ތެރެއިން ބަލި ޖެހިފައިވަނީ 78 މީހަކަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ 11 މީހުންނާއި ސްރީލަންކާގެ ދެ މީހަކާއި ޕާކިސްތާނާއި އިނގިރޭސިވިލާތާއި ޖަރުމަނުން އެކަކެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 17 މީހެކެވެ.