ކުއްލި ޚަބަރު

އިތުރު 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 188 އަށް

ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ 11 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާގެ މީހެއްގެ އިތުރުން ނުވަ ބަންގުލަދޭޝް މީހުން ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ރޭ ދަންވަރު އެޗްޕީއޭ އިން އިއުލާންކުރި 36 ކޭސްއާއި ދެންމެ އިއުލާންކުރި 11 ކޭސްއާއެކު މިއަދުގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރައިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނުނު ދުވަހެވެ. އަދި މިހާތަނަށް ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވަނީ މާލެއިންނެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު 188 އަށް އަރާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގުލަދޭޝްގެ 84 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ދިވެހިންގެ ތެރެއިން ބަލި ޖެހިފައިވަނީ 76 މީހަކަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ 11 މީހުންނާއި ސްރީލަންކާގެ ދެ މީހަކާއި އިނގިރޭސިވިލާތާއި ޖަރުމަނުން އެކަކެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 17 މީހެކެވެ.