ދުނިޔެ

ހުއާވޭގެ ޗީފް ފައިނޭސް އޮފިސަރ ދޫކޮށްލުމަށް ޗައިނާއިން ގޮވާލައިފި

މުހައްމަދު އައުޒަމް

ޗައިނާގެ މަޝްހޫރު ފޯން އުފައްދާ ކުންފުނި ހުއާވޭގެ ސީއެފްއޯ އަދި އެކުންފުނީގެ ފައުންޑަރގެ ދަރިކަނބަލުން މެންގް ވަންޒޮއޫ ދޫކޮށްލުމަށް ޗައިނާއިން ގޮވާލައިފިއެވެ.

މެންގް ހައްޔަރުކޮށްފައިވަނީ ކެނެޑާގެ ވެންކޫވާ އެއާޕޯޓުގައި ހުއްޓައި ކަމަށް މައުލޫމާތު ލިބެއެވެ. މެންގް ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ސީދާ އޯޑަރަށް ކަމަށްވެސް ހަބަރުތަކުން ބުނެއެވެ.

މެންގް ދޫކޮށްލުމަށް ޗައިނާއިން ގޮވާލަމުން ދާއިރު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑަރ ވަނީ މެންގް ހައްޔަރުކުރުމުގައި އެގައުމުގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށް ބުނެފައެވެ.

ޗައިނާއިން ވަނީ މެންގް ހައްޔަރުކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި މިއީ އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގާފައިވާ ކަމެއް ކަމަށް ބުނެފައެވެ.

މެންގްގެ މައްޗަށް އުފުލާފައިވަނީ ކޮން ދައުވާއެއްކަން ހާމަކޮށްފައި ނުވާއިރު އެމެރިކާ އިން މެންގް ހައްޔަރުކުރީ ކީއްވެކަން ނޭނެގޭކަމަށް ހުއާވޭއިން ދަނީ ބުނަމުންނެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުން މެންގް ހައްޔަރުކޮށްފައިވަނީ އިރާންއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމެރިކާއިން ވަނީ މި މައްސަލާގައި ޖަވާބުދާރީވާން ދެކޮޅު ހަދައިފައެވެ.