މިފްކޯ

މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފި

މަރިޔަމް ޝަހުދާ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ މުޅި ޖުމްލަ 80 މިލިއަން ރުފިޔާ ހުރި ކަމަށެވެ.

މީގެ ތެރެއިން މަސްވެރިންނަށް މިދިޔަ ހަފްތާގައި ދިން 70 މިލިއަން ރުފިޔާ އަކީ މިދިޔަ މަހު 26 އިން މިމަހު 14 އަށް މަސްވެރިންނަށް ދޭން ހުރި ފައިސާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ބާކީ ހުރި ފައިސާވެސް މަސްވެރިންނަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފްލައިޓް އޮންނަ ގޮތެއް ބެލުމަށް ފަހު އެފައިސާ ފޮނުވުމުގެ ކަންކަން ހަމަޖައްސާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވީ ނަމަވެސް ސަރުކާރުން ވަނީ މަސްވެރިންނަށް މަހަށް ފުރޭގޮތް ހަމަޖައްސައިފައެވެ. މަސްވެރިންނަށް މިދުވަސްވަރު މަހަށް ދެވުން ނަމަވެސް އެހެން ރަށަކަށް ފޭބުން ވަނީ މަނާކޮށްފައެވެ.