އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ގޮތަށް އެމްއެމްއޭއިން 4.2 ބިލިޔަން ނެގުމަށް ސަރުކާރަށް ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ލޯނުގެ ގޮތުގައި ސަރުކާރަށް ފައިސާ ނެގޭނެ ލިމިޓެއް ވަނީ ކަނޑައަޅައިފައެވެ.
ގާނޫނުގައި ވާގޮތުން މަރުކަޒީ ބޭންކުން ސަރުކާރަށް ނެގޭނީ ވޭތުވެދިޔަ ތިންއަހަރު ސަރުކާރަށް ލިބުނު ޖުމުލަ އަމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެކެއް އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެކެވެ. އެހެންކަމުން މިދަނޑިވަޅުގައި އެމްއެމްއޭއިން ސަރުކާރަށް ނެގޭނީ 217 ވަރަކަށް މިލިޔަން ރުފިޔާއެވެ.
ނަމަވެސް އެ ގާނޫނުގައި އެއަށްވުރެ އިތުރަށް ސަރުކާރަށް ފައިސާ ނެގޭނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފައެވެ.
ގާނޫނުގައި ބުނަނީ، އިގްތިސޯދަށް ބޮޑު ހީނަރުކަމެއް ދިމާވުން، ނުވަތަ ގުދުރަތީ ކާރިސާއެއް މެދުވެރިވާ ހާލަތެއްގައި، ސަރުކާރަށް ފައިސާ ނެގުމަށް ގާނޫނުގައި ލިމިޓް ކަނޑައަޅާފައިވާ މާއްދާ އާއި، ސަރުކާރުން ނަގާ ފައިސާގެ ލޯނު ދެއްކުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާއަށް އަމަލުކުން މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ހުއްދައާއެކު އިސްތިސްނާ ކުރެވިދާނެ ކަމެވެ.
ސަރުކާރަށް 4.2 ބިލިޔަން ބޭނުންވެގެން އެމްއެމްއޭއިން ލޯނުގެ ގޮތުގައި ފައިސާ ނެގުމަށް ފިނޭންސް މިނިސްޓަރު މަޖިލީހުގެ ހުއްދައަކަށް އެދިވަޑައިގެން ހުށަހެޅުއްވީ، ގާނޫނުގައި ބުނާ އިސްތިސްނާގެ ހާލަތު ބޭނުން ކުރެއްވުމަށެވެ.
ހިޔާލުތަފާތުވުން ގިނަ ބަހުސްތަކަކަށްފަހު، މިނިސްޓަރު ހުށަހެޅުއްވި ގޮތަށް އެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކުރީ، އެގޮތަށް ފާސްކުރުމަށް އެދިވަޑައިގެން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ތާއީދު ކުރެއްވި ހުށަހެޅުއްވުމަށް، މަޖިލީހުގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.
މުޅި މި މައްސަލައަށް މަޖިލިސް ތަޅުމުގައި ވޭތުވެދިޔަ ތިންދުވަހު 57 މެންބަރުން ވާހަކަ ދެއްކެވިއެވެ. އަދި މިއަދުވެސް ވޯޓާ ހިސާބަށް ދިޔައިރު ހަތަރު ހުށަހެޅުމެއް ހުށަހަޅާފައި އޮތެވެ.
ނަމަވެސް ވޯޓަށް އަހާ ހިސާބަށްދިޔައިރު ހަމައެކަނި އޮތީ އެ މައްސަލަ ސަރުކާރުން ހުށަހެޅިގޮތަށް ފާސްކުރުމަށް އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުން އެކަންޏެވެ.
އެހެން ހުށަހެޅުންތައް ހުށަހެޅުއްވި މެންބަރުން އެ ބޭފުޅުންގެ ހުށަހެޅުއްވުންތައް އަނބުރާ ގެންދެވިއިރު، ސަރުކާރުން ހުށަހެޅި ގޮތަށް އެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކުރަން، އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް ރޭ ވަނީ ފާސްކޮށްފައެވެ.