އެމެރިކާގައި އެންމެ ބޮޑަށް ކޮވިޑް19 ފެތުރިފައިވާ އެގައުމުގެ މައި ސްޓޭޓް، ނިއު ޔޯކުގެ ފާމަސީތަކުގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެއެވެ.
ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ ވިދާޅުވި އެ ސްޓޭޓުގެ ފަސްހާސް ފާމަސީން ޓެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލުމުން ދުވާލަކު 40،000 ޓެސްޓު ހެދޭނެކަމަށް އަންދާޒާކުރައްވާ ކަމަށެވެ.
އެމެރިކާގައި ކޮވިޑަށް ޕޮޒިޓިވް 938،000 އަށް ވުރެ ގިނަ މީހުން ތިބި އިރު އޭގެ ތެރެއިން 53،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ނިއު ޔޯކުގެ ގަވަރުނަރު ވަނީ އެ ސްޓޭޓުގައި އެންޓި ބޮޑީ ޓެސްޓު ހަތަރު ހޮސްޕިޓަލުގައި ހެދޭނެ ގޮތަށް އިތުރުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެންމެ ފުރަތަމަ ޓެސްޓު ކުރާނީ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ކަމަށްވެސް ވިދާޅުވިއެވެ. ޓެސްޓު ހެދުމަށް ބޭނުންވާ ސާމްޕަލްތައް އާންމު ފާމަސީތަކުން ނެގޭނެ ހުއްދަވެސް ދެއްވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންމުކޮށް ކޮންމެ ދުވަހަކު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން އިއްޔެއަކު ނުބާއްވަވައެވެ. ޓްރަމްޕް ވަނީ އެއީ ބޭކާރު ވަގުތާއި މަސައްކަތް ކަމަށް ވިދާޅުވެފައެވެ.
އެކަމާގުޅިގެން ޓްރަމްޕް ކުރެއްވި ޓުވީޓުގައި ވަނީ މީޑިއާއިން ބޭކާރު ސުވާލު ކުރާކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފައެވެ. މިއީ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި "ޑިސްއިންފެކްޓް ކުރާ ތަކެތި ވައިރަހުގެ ފަރުވާއަކަށް ބޭނުން ކުރެވިދާނެކަމަށް" ޓްރަމްޕް ވިދާޅުވުމުން އެއަށް ފާޑުކިއުން އަމާޒުވުމުން އެކަމާ ނުރުހުންވެވަޑައިގެންފައިވާކަމުގެ ހެއްކެއް ކަމަށް މީޑިއާތަކުން ސިފަކުރެއެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވުމުން ޑޮކްޓަރުންނާއި ޑިސްއިންފެކްޓް ކުރާ ސާމާނު އުފައްދާ ފަރާތްތަކުންވެސް ވަނީ އެއީ ޕޮއިޒަންކަމުގައި ބުނެ އެސާމާނު ހަށިގަނޑުގައި ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައެވެ.