ކޮވިޑް ބަލިން ރާއްޖޭގައި ރަނގަޅުވި 17 ވަނަ މީހާ ގެޔަށް ދޫކޮށްލައިފި އެވެ.
ކޮވިޑް ޖެހުނު މީހުންގެ 17 ވަނަ މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން އިއުލާނުކުރީ މީގެ ދެދުވަސް ކުރީންނެވެ. އެހެން ނަމަވެސް އޭރު އޭނާ ދޫކޮށްނުލައި ބެހެއްޓީ އިތުރަށް ޓެސްޓު ހެދުމަށްޓަކަ އެވެ. މި މީހާ ދޫކޮށްލާފައި މި ވަނީ ތިން ހަފުތާއަށްވުރެ ގިނަ ދުވަސްކޮށްފަ އެވެ.
ކޮވިޑާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާ އިރު، ރާއްޖޭން ފެނުނު މި ބައްޔަށް ޕޮޒޮޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 177 އަށް އަރައިފަ އެވެ. އެއް ދުވަހަކަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވީ މިއަދު އެވެ. އެ ގޮތުން ރޭ ފަތިހު ސަރުކާރުން ވަނީ އިތުރު 36 މީހަކު ޕޮޒިޓިވް ވިކަން އިއުލާނުކޮށްފަ އެވެ. އެ 36 މީހުންގެ ތެރެއިން 30 މީހުންނަކީ ތިން ގެއެއްގައި ދިރިއުޅެމުންދިޔަ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ.
މާލޭން ކޮވިޑަށް ޕޮޒިޓިވް މީހަކު އެންމެ ފުރަތަމަ ފެނުނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މި ބަލި މިހާރު ވަނީ އަތޮޅުތެރޭން ވެސް ފެނިފަ އެވެ. އެގޮތުން ހއ. އުލިގަމާއި ށ. ނަރުދޫން ވެސް ކޮވިޑަށް ޕޮޒިޓިވް މީހަކު ވަނީ ފެނިފަ އެވެ. އެ ދެމީހުންނަކީ ވެސް މާލެއިން ރަށަށް ދިޔަ މީހުންނެވެ. އަދި އެ ދެމީހުންނަކީ ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރި، އެތައް ރަށެއްގައި ޖައްސަމުން ދިޔަ ބޯޓުފަހަރުގައި ދަތުރުުކުރި ދެމީހުންނެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެމުން މިދާ ގޮތަށް ބަލާއިރު، ކޮންޓެކްޓް ޓްރޭސިން ކުރެވޭ އެންމެން ވަކިވަކި ތަންތަނުގައި ކަރަންޓީނުކުރުމަކީ ފަސޭހަކަމަކަށް މުސްތަގުބަލުގައި ނުވެދާނެ ކަމަށާއި އެހެންކަމުން ގޭގައި ކަރަންޓީނު ވާން ޖެހިދާނެ ކަމަށް ބަލައި ހުރިހާ ރައްޔިތުންވެސް ތައްޔާރަށް ތިބުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ އިލްތިމާސްކުރައްވާފަ އެވެ.