ކުއްލި ޚަބަރު

ފިނޭންސް މިނިސްޓަރު ހުށަހެޅިގޮތަށް 4.2 ބިލިޔަން އެމްއެމްއޭއިން ނެގުމުުގެހުއްދަދޭން ޕީޖީ ގްރޫޕުން ފާސްކޮށްފި

އިބްރާހިމް ޒަކީ

1

ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާގެ ލޯނު މަރުކަޒީ ބޭންކުގެ ޕަބްލިކް އެކައުންޓުން ނެގުމުގެ ހުއްދަ ދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސް ކޮށްފިއެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި މިގޮތަށް ފާސްކޮށްފައި ވަނީ ރޭ އޮންލައިންކޮށް ބޭއްވި އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގަ އެވެ.

ކޮވިޑުގެ ސަބަބުން، މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ގައުމަށް އާމްދަނީ ލިބުން ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ. އަދި މިހާލަތު ދެމިގެން ގޮސްފި ނަމަ މިހާރަށްވުރެ ވެސް އުނދަގޫ އަދި ދަތި ހާލަތަކަށް އިގުތިސޯދު ވެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ފަތުރުވެރިކަން ހިއްސާކުރާއިރު، ކޮވިޑުގެ ސަބަބުން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ލަފާކޮށްފަ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، ރޭ އެމްޑީޕީން ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޖުމުލަ 54 މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް މިކަން ފާސްކުރަން ވޯޓުދެއްވީ އޭގެން 41 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓުދެއްވި އިރު، ދެން ބައިވެރިވެވަޑައިގެންނެވި މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟